މާލެއިން ކޮވިޑް 19 ފެނި، މާލެ ލޮކްޑައުން ކުރުމާއި ގުޅިގެން އަނބުރާ މާލެ ނާދެވި އެކި ރަށްރަށުގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން 3000 ވަރަކަށް މީހުންނަށް އަނބުރާ މާލެ އައުމުގެ ހުއްދަ ދީފައިވާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އޭޕްރީލް 24 އިން މިމަހު 15ގެ ނިޔަލަށް ޖުމްލަ 2997 މީހަކަށް އަނބުރާ މާލެ އައުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.
ފުލުހުން ވަނީ ދުވާލެއްގެ މައްޗަށް މާލެ އައުމަށް ހުއްދަ ދިން މީހުންގެ އަދަދުތައް ހާމަވާ ތަފާސް ހިސާބުވެސް އާންމު ކޮށްފައެވެ. އެގޮތުން މިދިޔަ މަހަށް ވުރެ މި މަސްތެރޭ މާލެ އައުމަށް ހުއްދަ ދިން މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.
ލޮކްޑައުން އާއި ގުޅިގެން ރަށްރަށަށް ނުދެވި މާލޭގައި ވެސް 5000 އަށްވުރެ ގިނަ މީހުން ތާށިވެފައި އެބަ ތިބި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެފަދަ މީހުންވެސް ކަރަންޓީނު ފެސިލިޓީތަކަށް ފޮނުވުމުގެ މަސައްކަތް ރަށްރަށުގެ ޓާސްކްފޯސްތަކާއި ގުޅިގެން ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އެކަށީގެންވާ މިންވަރަށް ކަރަންޓީނު ފެސިލިޓީ ނެތުމުން އެކަން ކުރުމަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ. ސަރުކާރުން ފުރަތަމަ ނިންމީ ރަށްރަށަށް ދާން ޖެހޭ މީހުން އެ ރަށަކަށް ގޮސް ކަރަންޓީނުގެ 14 ދުވަސް ފުރިހަމަ ކުރަން ޖެހޭ ގޮތަށެވެ. އެހެން ނަމަވެސް ކުރިޔަށް މިއޮތް ދެ ހަފުތާއަކީ ރާއްޖޭގެ ކޮވިޑުގެ ހާލަތު އެންމެ ގޯސް ވާނެ ދުވަސްވަރު ކަމަށް ސިއްހީ މާހިރުން ލަފާ ދެއްވާތީ، އެ ނިންމުން ފަހުން ވަނީ ބަދަލުކޮށްފަ އެވެ. ފަހުން ނިންމީ ރަށްރަށުގެ މީހުންނަށް ރަށަށް ދެވޭނީ އެ އަތޮޅުތަކުގައި ނުވަތަ ކައިރީގައި ހުންނަ ކަރަންޓީނު ފެސިލިޓީއެއްގައި 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށްފަހުގައި ކަމަށެވެ.