އަލީ ޔާމިން
ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންގެ ތެރެއިން 80،000 ރުފިޔާއަށް ވުރެ މަތިން މުސާރަ ލިބޭ މުވައްޒަފުން މީގެފަހުން ގެއަށް ގެންދިއުމަށް ލިބޭނީ 70،000 ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ކޮވިޑް 19 އާ ގުޅިގެން ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުންނާއި އެކި ފަރާތްތަކަށް ދައުލަތުން ދޭ މުސާރަ އާއި އިނާޔަތްތަކަށް ބަދަލު ގެނެސް، ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ބުނީ އަސާސީ މުސާރައިގެ ގޮތުގައި 60،000 ރުފިޔާ އަށްވުރެ މަތިން މުސާރަ ލިބޭ މުވައްޒަފުންގެ އަސާސީ މުސާރައިން 35 ޕަސެންޓު އުނިކޮށްފައިވާ ކަމަށެވެ.
އެ ސާކިއުލާގައިވާ ގޮތުގައި އަސާސީ މުސާރައިގެ ގޮތުގައި 80،000 ރުފިޔާއަށް ވުރެ މަތިން މުސާރަ ލިބޭ މުވައްޒަފުން ގެއަށް ގެންދިއުމަށް ދެން ލިބޭނީ 70،000 ރުފިޔާއެވެ.
މީގެ އިތުރުން އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާއާ 60،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް މުސާރަ ލިބޭ މީހުންގެ މުސާރައިން 30 ޕަސެންޓު އުނި ކުރުމަށް ނިންމާފައިވާއިރު، 20،000 ރުފިޔާއާ 30،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް މުސާރަ ލިބޭ މީހުންގެ މުސާރައިން 20 ޕަސަންޓް އުނިކުރާނެ ކަމަށް ސާކިއުލާގައިވެއެވެ. އެއްވެސް ވަރަކަށް މުސާރަ އުނި ނުކުރާނީ 20،000 އިން ދަށުގެ މުސާރައެއް ލިބޭ މުވައްޒަފުންގެއެވެ.
އަސާސީ މުސާރަ އެކި ކެޓެގަރީތަކަށް ބަހާލާފައިވާ އިރު، އެއިން ކޮންމެ ކެޓެގަރީއަކުން ވެސް އަސާސީ މުސާރައާއި އިނާޔަތްތައް ހިމަނައިގެން އެންމެ ގިނަވެގެން ގެޔަށް ގެންދެވޭނެ އަދަދެއް ފިނޭންސް މިނިސްޓްރީން ވަނީ ކަނޑައަޅައިފަ އެވެ.
ސާކިއުލާގައިވާގޮތުން 10،000 ރުފިޔާއާއި 15،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް އަސާސީ މުސާރަ ލިބޭ މީހުންނަށް ގެއަށް ގެންދެވޭނީ 30،000 ރުފިޔާއެވެ. އަދި 15،000 ރުފިޔާއާ 20،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް މުސާރަ ލިބޭ މީހުންނަށް ގެއަށް ގެންދެވޭނީ 35،000 ރުފިޔާއެވެ. 25،000 ރުފިޔާއާ 30،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް މުސާރަ ލިބޭ މީހުން ގެއަށް ގެންދިއުމަށް ލިބޭނީ 45،000 ރުފިޔާއެވެ. އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާއާ 40،000 ރުފިޔާއާ ދެމެދު ލިބޭ މުވައްޒަފުން ގެއަށް ގެންދަން ލިބޭނީ 50،000 ރުފިޔާއެވެ. އަސާސީ މުސާރައިގެ ގޮތުގައި 40،000 ރުފިޔާއާ 50،000 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭ މުވައްޒަފުންނަށް ގެއަށް ގެންދަން ލިބޭނީ 55،000 ރުފިޔާ ކަމަށް ސާކިއުލާގައި ބުނެފައިވާއިރު 50،000 ރުފިޔާއާ 60،000 ރުފިޔާއާ ދެމެދުގެ އަސާސީ މުސާރަ ލިބޭ މުވައްޒަފުން ގެއަށް ގެންދިއުމަށް 60،000 ރުފިޔާ ލިބޭނެއެވެ. އަދި އަސާސީ މުސާރައިގެ ގޮތުގައި 60،000 ރުފިޔާއާ 80،000 ރުފިޔާއާ ދެމެދު ލިބޭ މުވައްޒަފުންނަށް ގެއަށް ގެންދިއުމަށް ލިބޭނީ 65،000 އެވެ.
ސާކިއުލާގައި ބުނީ، 10،000 ރުފިޔާއާއި އެއަށްވުރެ ދަށުގެ އާމްދަނީ ލިބޭ މުވައްޒަފުންނަށް ގެއަށް ގެންދެވޭނެ އެންމެ ބޮޑު އަދަދަކީ 25،000 ރުފިޔާ ކަމަށެވެ.
ދަރުބާރުގޭގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ކޮވިޑާއި ގުޅިގެން ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ކުޑަ ނުކުރާނެ ކަމަށެވެ.