ރާއްޖޭގައި ކޮވިޑް 19އަށް ޕޮޒިޓިވްވެފައިވާ ބަންގުލަދޭޝް ރައްޔިތުންނަށް ވެސް ތަފާތުކުރުމެއްނެތި ސިއްހީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ޕޮޒިޓިވްވި ގިނަ މީހުންނަކީ ބިދޭސީ މަސައްކަތްތެރިންނެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ބަންގުލަދޭޝް ރައްޔިތުން ހިމެނެއެވެ. މިހާތަނަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެފައިވާ 1078 މީހުންގެ ތެރެއިން 557 މީހުންނަކީ ބަންގުލަދޭޝްގެ މީހުންނެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ ތަފާތުކުރުމެއްނެތި ދިވެހި ސަރުކަރުން އެމީހުންނަށް ސިއްހި ފަރުވަ ފޯރުކޮށްދޭނެ ކަމަށެވެ. އަދި ގިނަ އަދަދެއްގެ ބަންގުލަދޭޝްގެ ރައްޔިތުންތަކެއް އެއް ތަނެއްގައި ދިރިއުޅޭކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެމީހުންގެ ތެރޭގައި ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް ރައްކާތެރި ފެސިލިޓީތަކަށް އެމީހުން ބަދަލުކޮށްފައިވާ ކަމަށެވެ.
މިއަދު ވަނީ ބަންގުލަދޭޝްގެ އެއާ ފޯސްގެ މަތިންދާ ބޯޓުގައި ރާއްޖެއަށް ކާބޯތަކެއްޗާއި ބޭސް ގެނެސްފައެވެ. މިއީ ކޮވިޑް 19ގެ މި ހާލަތާ ގުޅިގެން ބަންގުލަދޭޝުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ތަކެތި ފޯރުކޮށްދިން ދެވަނަ ފަހަރެވެ. ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް މިއަދު ހަތް ޓަނުގެ ކާބޯތަކެއްޗާއި މެޑިކަލް އިކުއުޕްމަންޓް އަދި ބޭސް ފޯރުކޮށްދިނުމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ބަންގުލަދޭޝްގެ ސަރުކާރަށް ޝުކުރު ދަންނަވައިފައެވެ.
މިނިސްޓަރު ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ނަންފުޅުގައާއި ރައްޔިތުންގެ ނަމުގައި ބަންގުލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އާއި އެގައުމުގެ ފޮރިން މިނިސްޓަރު ޑރ. އޭކޭ އަބްދުލް މޫމިން އަދި އެގައުމުގެ ސަރުކާރަށް ޝުކުރު ދަންނަވައިފައެވެ. އަދި އެކަމުން ދެގައުމުގެ ގާތް ގުޅުމާއި އަވައްޓެރި ދެ ގައުމުގެ ގުޅުން ދައްކުވައިދޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިމަހުގެ ކުރީކޮޅު ބަންގުލަދޭޝް އެއާފޯސްގެ މަތިންދާބޯޓުގައި ބަންގުލަދޭޝް އާއި ނޭޕާލުގައި ތިބި ދިވެހިން ވަނީ ރާއްޖެއަށް ގެނެސްދީފައެވެ. އޭގެ އިތުރުން 100 ޓަނުގެ ކާބޯތަކެއްޗާއި ބޭސް އަދި މެޑިކަލް އިކުއިޕްމަންޓު ވެސް ބަންގުލަދޭޝުން މީގެ ކުރިން ވަނީ އެހީގެ ގޮތުގައި ގެނެސްދީފައެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖެއާއި ބަންގުލަދޭޝްއާ ދެމެދު އޮތް ގާތް ގުޅުން ކުރިއަށްއޮތް އަހަރުތަކުގައި ވެސް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި ދެގައުމުން އެއް ގައުމު އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދީ، އަވަސް މުސްތަގުބަލެއްގައި ކޮވިޑުން އަރައިގަނެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.