މިނިސްޓްރީ އޮފް ހޯމްއެފެއާޒް

ގައިދީންނަށް ފުޅަ އަޅާފައިވާ ކާއެއްޗެހި ދިން ކަަމަށް ބުނާ މައްސަލައެއް ބަލަނީ

މާފުށީ ޖަލުގައި ގައިދީންނަށް ފުޅައަޅާފައިވާ ކާނާ ދީފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ވީޑިއޯ އަކީ ގޮޅިތެރޭގައި ކާއެއްޗެހި ކުނިވަންދެން ފޮރުވައިގެން ގެންގުޅުމަށްފަހު ނަގާފައިވާ ވީޑިއޯއް ކަމަށް ބެލެވޭ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

މާފުށީ ޖަލުގައި ގައިދީނަށް އިއްޔެ ރޯދަވީއްލުމަށް ދިން ބައެއް އެއްޗެހީގައި ފުޅަ އަޅާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފޮޓޯތަކާއި ވީޑިއޯތައްދަނީ ދައުރުކުރަމުންނެވެ.

އެކަމާ ގުޅޭގޮތުން ހޯމް މިނިސްޓްރީން ރޭ ކުރި ޓްވީޓެއްގައި ބުނީ އެފަދަ ޝަކުވާއެއް ގައިދީންގެ ފަރާތުން ލިބިފައި ނުވާ ކަމަށާއި، މިހާތަނަށް ބެލިބެލުމުން އެއީ ގޮޅިތެރޭގައި ކާއެއްޗެހި ކުނިވަންދެން ފޮރުވައިގެން ގެންގުޅުމަށްފަހު ނަގާފައިވާ ވީޑިއޯއް ކަމަށް ބެލެވޭ ކަމަށެވެ.

"ގައިދީންނަށް ފުޅައަޅާފައިވާ ކާނާ ދޭކަމަށް ބުނެ މީޑިއާގައި ފަތުރާ ވީޑިއޯ އަކީ މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި ގޮޅިތެރޭގައި ކާއެއްޗެހި ކުނިވަންދެން ގިނަދުވަހު ފޮރުވައިގެން ނަގާފައިވާ ވީޑިއޯއެއް." ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން ހޯމް މިނިސްޓްރީން ބުނީ މި މައްސަލައާއި ގުޅިގެން ގައިދީންނާ ސުވާލުކުރުމުންވެސް އެފަދަ ކަމެއް ހިނގިކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް އެފަދަ ކަމެއް ހިނގިތޯ އިތުރަށް ކަށަވަރު ކުރުމަށްޓަކައި ބަލަން ޖެހޭ އިތުރު ބެލުންތައް ބެލުމަށް ހިއުމަންރައިޓްސް ކޮމިޝަނުގައި ހޯމް މިނިސްޓްރީން އެދިފައިވާ ކަމަށެވެ.