ޚަބަރު

މުޖުތަމައުގައި ތިބި މަސައްކަތްކުރެވޭ އުމުރުގެ އެންމެންނަކީ މަސައްކަތެއްކުރާ ބަޔަކަށްވުމަކީ މުހިންމުކަމެއް: ނައިބު ރައީސް

އަލީ ޔާމިން

މުޖުތަމައުގައި ތިބި މަސައްކަތްކުރެވޭ އުމުރުގެ އެންމެންނަކީ މަސައްކަތެއްކުރާ ބަޔަކަށްވުމަކީ މުހިންމުކަމެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ، ތައުލީމީ ދާއިރާ އަދި މަތީ ތައުލީމުގެ ދާއިރާގެ އިސްފަރާތްތަކާއެކު މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

އޮންލައިންކޮށް ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަންއާއި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއާއި، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުގެ އިތުރުން ރާއްޖޭގެ ގައުމީ ޔުނިވާސިޓީއާ ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ އިސްވެރިން، އަދި މަތީ ތައުލީމާ ގުޅޭ އެހެން ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ ކޮވިޑް 19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު ތައުލީމީ ދާއިރާއާއި މަތީ ތައުލީމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ދަތިތަކާ ބޭހޭގޮތުންނާއި، މި ހާލަތުގައި އެންމެ ބޮޑަށް އިންސާނީ ވަސީލަތްތައް ބޭނުންވެފައިވާ ދާއިރާތަކުން މީހުން ތަމްރީނުކުރުން ފަދަ ކަންކަމާ ބެހޭގޮތުންނެވެ. އަދި މިހާލަތުގައި ތައުލީމީ ދާއިރާއާއި މަތީ ތައުލީމުގެ ދާއިރާގެ ކުދިންގެ ކިޔެވުން ކުރިޔަށްގެންދިއުމަށް ރޭވިފައިވާ ގޮތްތަކާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، ކޮވިޑުގެ ސަބަބުން އައި ބަދަލާއެކު އާ ހިތްވަރަކާއެކު، ރާއްޖޭގައި ހުރި މީހުން ބިނާކޮށް ތަމްރީނުދޭ ހުރިހާ ތަންތަން އެކުވެގެން މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ. އެގޮތުން މުޖުތަމައުގައި ތިބި މަސައްކަތްކުރެވޭ އުމުރުގެ އެންމެންނަކީ މަސައްކަތެއް ކުރާ ބަޔަކަށް ވުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން ރިޓަޔާކޮށްފައިވާ ސިއްހީ ދާއިރާގެ ބައެއް ފަރާތްތަކަށް ވެސް އިތުރަށް ބޭނުންވާ ތަމްރީނުދީ އަލުން މަސައްކަތުގެ މާހައުލާ ގުޅުމަށް ފުރުސަތު ފަހިކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި، މަތީ ތައުލީމާ ގުޅޭ އެކި އިދާރާތަކުގެ އިސްވެރިން ވަނީ އެ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކާއި ކަންކަން މިހާރު ކުރިޔަށްގެންދިއުމަށް ރާވާލެވިފައިވާ ޕްލޭންތަކާ ބެހޭގޮތުން އަދި މިކަންކަމުގައި ކުރިމަތިވާ ދަތިތަކާ ބެހޭގޮތުން ނައިބު ރައީސަށް މައުލޫމާތު އަރުވައިފައެވެ.