މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޮންމެ ފަސް އާއިލާއަކަށް ބަނބުކެޔޮ ގަހެއްގެ ނިސްބަތުން ބަނބުކެޔޮ ހެއްދުމުގެ ޕްރޮގްރާމެއް ކައުންސިލްތަކުން މިއަހަރުގެ ތެރޭގައި ފުރިހަމަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ސަރުކާރަށް ހުށަހަޅައިފިއެވެ.
ކޮވިޑް 19 ފަދަ ހާލަތެއް ރާއްޖެއަށް އަތުވެއްޖެ ނަމަ ފުޑް ސެކިއުރިޓީ ޔަގީންކުރުމަށް އަމާޒުކޮށްގެން ކޮމިޓީން ހުށަހަޅާފައިވާ ކަމެކެވެ.
އެ ކޮމިޓީން މިގޮތަށް ހުށަހަޅާފައިވަނީ ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ކުރަމުން އަންނަ ކަންކަމާމެދު ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން އެ ކޮމިޓީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަމާ ގުޅުންހުރި ފަރާތްތަކުން މިހާލަތުގައި ކުރަންޖެހޭ ކަންކަން ކަނޑައަޅައި ކޮމިޓީީން މަޖިލީހަށް ފޮނުވައިގެން މަޖިލީހުން ފާސްކުރި ރިޕޯޓުގައި ހިމަނައިގެންނެވެ.
އެ ރިޕޯޓްހައި 25 ކަމެއް ކުރުމަށް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ރަށްރަށުގައި ހުރި ގިނަ ރުއްތަކަކީ ދުވަސްވެ މުސްކުޅިވެފައިވާ ރުއްތައް ކަމަށް ތަޖުރިބާކާރުން ބުނާތީ، ދެލައްކަ
ރުއް ދިވެހިރާއްޖޭގައި އިންދުމުގެ ޕްރޮގްރާމެއް ކުރިއަށްއޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރިހަމަކުރުން ހިމެނެއެވެ.
މީގެ އިތުރުން ދިރިއުޅުމަށް ގޯތި ދޫކުރުމުގައި އެ ގޯއްޗަކަށް އެކަށޭނެ މިންވަރަކަށް "ހޯމް ގާޑަން" ހެއްދުމަށް ގަވައިދުގައި ހިމެނުމާއި، ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާއާއި އޯގޭނިކް ބޭސް ދިވެހިރާއްޖެއަށް ބޭނުންވާ މިންވަރަށް އުފެއްދުމުގެ ޕްރޮގްރާމެއް ފެށުމާއި، ފަޅުގޮވާން ކުރުމަށް ހިތްވަރުދީ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ތަމްރީނާއި، ވަސީލަތްތައް ފަހިކޮށްދިނުން ހިމެނެއެވެ.
ރަށްރަށުގައި ސަރުކާރުގެ އިމާރާތްތަކުގައި ބަހައްޓާފައި ހުރި ވާރޭފެން ނަގާ ތާންގީތަކުގެ ހާލަތު ދެނެގަނެ، ފެން ނަގައި ރައްކާކުރެވޭނެ ހާލަތަކަށް އެތަކެތި އަވަހަށް ގެނައުމާއި، ދުނިޔެއަށް ދިމާވާ މިފަދަ ދަތި ދުވަސްތަކުގައި ރާއްޖޭގައި ހިމާޔަތް ކުރެވިފައިވާ ތަންތަނާއި ބާވަތްތަކުގެ ބޭނުން ނާޖާއިޒު ގޮތެއްގައި ހިފުން އިތުރުވެދާނެކަމަށް ބަލައި، ސަރުކާރުން ގައިޑްލައިންތަކެއް ކަނޑައަޅައި، އެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެމަތިން ހިމާޔަތް ކުރެވިފައިވާ ތަންތަން ބެލެހެއްޓުން ކައުންސިލްތަކާ ހަވާލުކުރުމަށް ވެސް ހުށަހަޅާފައިވެއެވެ.
ކާބޯތަކެއްޗާއި، ފެނާއި ކަރަންޓް އިސްރާފް ނުކުރުމަށާއި، ތިމާވެށި ހިމާޔަތްކުރުމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް މީޑިއާ މެދުވެރިކޮށް ކަމާބެހޭ ވުޒާރާތަކުންނާއި ޔުޓިލިޓީ ކުންފުނިތަކުން ހިންގުމުގެ އިތުރުން ވަރުވާއަށް ދޫކޮށްފައިވާ ރަށްތަކުގައި ދަނޑުވެރިކަމާއި، ކުކުޅު ގެންގުޅުން ފަދަ މަސައްކަތްތައް ހިންގުމަށް ރަށްތައް ދޫކޮށްފައިވާ ފަރާތްތަކަށް ބާރުއަޅައި އެފަރާތްތަކަށް އެކަމުގައި އެހީތެރިވުމަށް ވެސް ރިޕޯޓުގައި ހިމަނާފައިވެއެވެ.