ޚަބަރު

ދިހަ ޓަނުގެ ކާބޯތަކެއްޗާއެކު ބަންގުލަދޭޝްގެ ފުލައިޓެއް ރާއްޖެ އަތުވެއްޖެ

އަލީ ޔާމިން

އެހީގެ ގޮތުގައި ދިހަ ޓަނުގެ ކާބޯތަކެތި ހިފައިގެން ބަންގުލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއް މިއަދު ރާއްޖެ އަތުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން ބުނީ، މި ބޯޓުގައި ގެނައި ތަކެތީގެ ތެރޭގައި ހިމެނެނީ ފިޔާ، ބިސް، މުގު، އަލުވި، ކުކިން އޮއިލް، ބަރަބޯ، ތޮރާ، ކަރާ އަދި އަލަނާސި ކަމަށެވެ.

ކާބޮތަކެތީގެ އިތުރުން ބޭހާއި ބައެއް މެޑިކަލް އިކުއިޕްމަންޓް ވެސް ވަނީ އެބޯޓުގައި ރާއްޖެއަށް ގެނެސްފައެވެ.

މީގެ ކުރިންވެސް އެ ގައުމުގެ އަސްކަރީ މަނަވަރެއްގައި ވަނީ ރާއްޖެއަށް 100 ޓަނުގެ ހިލޭ އެހީ ފޮނުވައިދީފައެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ބަންގުލަދޭޝް ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަމަށްޓަކައި އެގައުމުގެ ސަރުކާރާއި ރައްޔިތުންނާއި ހާރިޖީ ވަޒީރު އަދި އެއާފޯސްއަށް ޝުކުރު އަދާކުރައްވައިފައެވެ.

މިއަދު އައި މި މަތިންދާބޯޓު އަނބުރާ ބަންގްލަދޭޝްއަށް ފުރާނީ މާދަމާ ހެނދުނު ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބަންގުލަދޭޝްގެ 70 މީހަކު މި މަތިންދާބޯޓުގައި ބަންގުލަދޭޝްއަށް ފޮނުވާލާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.