ޚަބަރު

ބަންގުލަދޭޝްގެ 353 މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފި

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުން އަންނަ ބަންގްލަދޭޝްގެ 353 މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.

އެމީހުން ރާއްޖެއިން ފޮނުވާލާފައި ދިވެހި ސަރުކާރުން ޗާޓަރުކޮށްގެން ރޭ ރާއްޖެ އައި ބަންގްލަދޭޝްގެ ގައުމީ އެއާލައިން، ބިމާންގެ ފްލައިޓުގައެވެ. އެ ފްލައިޓުގައި ކޮވިޑް ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ ފެސިލޓީއަށް ބޭނުންވާ ބައެއް ސާމާނާއި ބޭސް ގެނެސްފައިވެއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، ކާބޯތަކެތީގެ އެހީ ހިފައިގެން މިއަދު ރާއްޖެ އައި ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓުގައި އެގައުމުގެ އިތުރު 70 މީހަކު ގައުމަށް ފޮނުވާލުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ. އެ މަތިންދާބޯޓު އަނބުރާ ބަންގްލަދޭޝްއަށް ފުރާނީ މާދަމާ ހެނދުނެވެ.

މިދިޔަ އޭޕްރިލް މަހު ނޭޕާލާއި ބަންގްލަދޭޝްގައި ތިބި ދިވެހި ދަރިވަރުން ގޮވައިގެން އައި ބަންގްލަދޭޝްގެ އަސްކަރީ ބޯޓުގައި ވެސް ރާއްޖޭގައި ތިބި ބަންގުލަދޭޝްގެ 68 މީހަކު ގެންގޮސްފައިވެއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު މީގެ ކުރިން ވިދާޅުވެފައިވަނީ، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އާއި ބަންގްލަދޭޝްގެ ގައުމީ އެއާލައިން، ބިމާން އެއާލައިން ގުޅިގެން ކުރާ ދަތުރުގައި 500 އަށް ވުރެ ގިނަ މީހުން ބަންގްލަދޭޝްއަށް ގެންދާނެ ކަމަށެވެ.

މިދިޔަ ހަފުތާގެ ހޯމަ ދުވަހު، ގައުމާ މުހާތަބު ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ 1500 މީހަކު އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.