ކޮވިޑް 19 އިން ރައްކާތެރިވުމަށާއި އެ ބައްޔާ ގުޅިގެން ކުރިމަތިވެފައިވާ އެކިއެކި ކަންކަމަށް ސަރުކާރުން މިހާތަނަށް ހަރަދުކުރި ފައިސާގެ ތެރެއިން 72 ޕަސެންޓް ހަރަދުކޮށްފައިވަނީ އެސްޓީއޯ މެދުވެރިކޮށް ކަމަށް ފިނޭންސް މިނިސްޓަރު އިމްރާން އަމީރު ވިދާޅުވެއްޖެ އެވެ.
ކޮރަޕްޝަނަށް ފުރުސަތު ނުދިނުމުގެ ބޭނުމުގައި ފިނޭންސް މިނިސްޓްރީން އަންނަނީ ކޮވިޑާ ގުޅިގެން ކުރާ ހަރަދު ކޮންމެ ހޯމަ ދުވަހަކު އާންމުކުރަން ފަށައިފަ އެވެ. އެގޮތުން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް 814 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
ކޮވިޑާ ގުޅިގެން ދައުލަތުން ކުރަމުން އަންނަ ހަރަދުތަކާއި ފައިނޭންސް ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މިހާތަނަށް ހަރަދުކުރި ޖުމްލަ އަދަދުގެ ގާތްގަނޑަކަށް 72 ޕަސެންޓް އެސްޓީއޯ އިން ހަރަދުކުރެވެނީ މެޑިކަލް ކޮންސިއުމަބަލްސް އާއި ކެޕިޓަލް އިކުއިޕްމަންޓްސް ހޯދުމަށް ކަމަށެވެ.
"މެޑިކަލް ކޮންސިއުމަބަލްސްގެ ތެރޭގައި މި ހިމެނެނީ ލެބޯޓްރީ ރީޖަންސް، ޕީޕީއީ، މެޑިކަލް އޮކްސިޖަން. މެޑިކަލް ކޮންސިއުމަބަލްސްގެ ވެސް ގާތްގަނޑަކަށް 86 ޕަސެންޓް މި ޕްރޮކިއު ކުރަނީ ޖުމްލަ ހުރިހާ އެއްޗެއް އެސްޓީއޯ މެދުވެރިކޮށް. އޭގެ އިތުރުން އެސްޓީއޯއާއެކު ޑިޒާސްޓާ މެނޭޖްމަންޓް ޓްރަސްޓް ފަންޑެއްގައި ވެސް ސޮއިކުރެވިގެން ސްޓޭޕަލްސްގެ ބަފަރސްޓޮކެއް އަޅުގަނޑުމެން އަބަދުވެސް މެއިންޓެއިން ކުރުމަށްޓަކައި އެސްޓީއޯއަށް ގާތްގަނޑަކަށް 84 މިލިއަން ރުފިޔާ ޕްރޮވައިޑްކޮށްގެން އެ މަސައްކަތް ވެސް މިދަނީ އެސްޓީއޯ މެދުވެރިކޮށް،" އަމީރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ކޮވިޑުގެ މަސައްކަތްތަކަށް ކުރާ ހަރަދުގެ ބޮޑު ބައެއް އެސްޓީއޯ މެދުވެރިކޮށް ކުރާތީ، ސްޓޭޓް އިންޓާނަލް އޮޑިޓުން އެސްޓީއޯގެ ހާއްސަ އޮޑިޓެއް ކުރުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުގައި އެދިފައިވާނެ ކަމަށާއި އަދި ޕީސީބީ މެދުވެރިކޮށް، އެސްޓީއޯގެ އިންޓާނަލް އޮޑިޓް ވެސް ކުރިއަށްދަނީ ރަނގަޅަށްތޯ ބެލުމަށް އަންގާފައިވާނެ ކަމަށެވެ.