އަލީ ޔާމިން
ލޮކްޑައުންގެ ހާލަތުގައި މާލޭގެ ބޮޑެތި ފިހާރަތަކަށް ވިޔަފާރިކުރަން ދާ މީހުންގެ މެދުގައި އިޖުތިމާއީ ގައިދުރުކަން (ސޯސަލް ޑިސްޓެންސިން) ބެހެއްޓުމަށް އެ ފިހާރަތައް ހިމެނޭ ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ފާހަގަތަކެއް ޖަހަން ފަށައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ކޮވިޑުން ރައްކާތެރިވުމަށް އެންމެ ފުރަތަމަ ކުރެވޭނެ ކަމަކީ، އިޖުތިމާއީ ގައިދުރުކަން ބެހެއްޓުން ކަމަށެވެ. އެގޮތުން ފިހާރަތަކަށް ވިޔަފާރިކުރުމަށް ދާ މީހުންގެ މެދުގައި އެކަށީގެންވާ ދުރުމިނެއް ބެހެއްޓުމަށްޓަކައި، މާކެޓްތަކާއި ބޮޑެތި ވިޔަފާރި މޯލްތަކުގެ ބޭރުގައި ފާހަގަތަކެއް ޖަހަން ފަށާފައިވާ ކަމުގައި ސިޓީ ކައުންސިލުން ބުނެއެވެ.
އެ މަސައްކަތުގެ ދަށުން މިހާރުވެސް ބައެއް ފިހާތަކުގެ ބޭރުގައި ވަނީ ގައިދުރުކަން ކަށަވަރުކުރެވޭނެ ގޮތަށް ރީނދޫ ކުލައިން ވަށްކޮށް ފާހަގަތަކެއް ޖަހައިފައެވެ.
ކޮވިޑަކީ ގައިންގަޔަށް ފެތުރޭ ބައްޔެއް ކަމަށްވުމުން، ބަލި ޖެހުމުން ރައްކާތެރިވުމަށް އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް ސިއްހީ މާހިރުން އަންނަނީ ކެނޑިނޭޅި ލަފާ އަރުވަމުންނެވެ. އިޖުތިމާއީ ގައިދުރުކަމުގެ ގޮތުގައި ބަލަނީ ތިން ފޫޓުގެ ދުރުމިނެކެވެ. ބައެއް ހާލަތްތަކުގައި ހަ ފޫޓުގެ ދުރުމިނެއް ބަހައްޓަން ޖެހޭނެ ކަމަށްވެސް ޑޮކްޓަރުން ވިދާޅުވެއެވެ.