ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

މިހާތަނަށް 290 މިލިއަން ޑޮލަރު ވަނީ ޔަގީންކުރެވިފައި: މިނިސްޓަރު އަމީރު

ކޮވިޑުގެ މާލީ ދަތިތަކުން އަރައިގަތުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން 290 މިލިއަން ޑޮލަރު ވަނީ ޔަގީންކުރެވިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ކޮވިޑް 19 އާ ގުޅިގެން މާލީގޮތުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާބެހޭ މައުލޫމާތު، ދިނުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، އެކި ދާއިރާތަކުން ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި މިހާތަނަށް 290 މިލިއަން ޑޮލަރު ޔަގީންވެފައިވާ އިރު، އިތުރު އެހީތައް ހޯދުމަށް މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ދަނޑިވަޅުގައި ކުރިއަށް ގެންދަނީ ހަރަދު ކުޑަކުރުމާއެކު، އިތުރަށް ފައިނޭންސް ހޯދުމުގެ މަސައްކަތް ކަމަށެވެ.

"މިހާތަނަށް ގާތްގަނޑަކަށް 290 މިލިޔަން ޑޮލަރުގެ ހިލޭ އެހީ އާއި ކޮންސެޝަނަަލް އަދި ނޮންކޮސެޝަނަލް ލޯން ފެސިލީޓީ އަޅުަގަނޑުމެންނަށް ގާތް ގަނޑކަށް މިހިރީ ސެކިއުވެފަ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އައިމްއެފްއާއި ވޯލްޑްބޭންކާއި އޮފިޑުންވެސް އެހީ ލިބިފައިވާއިރު، އެފަރާތްތަކާއެކު އިތުރު މަސައްކަތްތަކެއް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން، އައިޑީބީ އާއި ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކް ފަދަ އިތުރު ފަރާތްތަކާއެެކު މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ، ބަޖެޓުގެ ހަރަދު ކުޑަ ކުރަން އެންމެ ގިނައިން ތަކެތި ގަންނަ އެސްޓީއޯ އަށް އައިޓީއެފްސީ އިން ކްރެޑިޓް ފެސިލީޓީއެއް ހޯދުމަށް ވެސް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އޭރުން އެކަމަށް ބަޖެޓުން މިވަގުތު ހަރަދު ކުރަން ނުޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"ބަޖެޓުގެ ހަރަދު ކުޑަ ކުރަން، އެންމެ ގިނައިން ތަކެތި ގަންނަ އެސްޓީއޯއަށް އައިޓީއެފްސީން ކްރެޑިޓް ފެސިލިޓީއެއް ހޯދަން ވެސް ދަނީ މަސައްކަތް ކުރަމުން. ސަރުކާރުން ސޮވްރިން ގެރެންޓީ ދީގެން. މީގެ އިތުރުން އޭޝިއަން އިންފްރާސްޓްރަކްޗާ ބޭންކް (އޭއައިއައިބީ) އާއި އެހެން ފަރާތްތަކާ ވެސް ކޮމިއުނިކޭޓް ކުރަމުން އެބަދަން،" މިނިސްޓަރު ވިދާޅުވިއެވެ.

އެފަރާތްތަކުން އެހީ ލިބުނު ނަމަވެސް ބަޖެޓުގެ 13 ބިލިއަން ރުފިޔާގެ ގެޕް ކުޑަކުރަން އިތުރު ފައިސާ ހޯދަން ޖެހޭ ކަމަށާއި އެއީ ކޮންޓިނިއުކޮށް ކުރިއަށްދާނެ ކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.