ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

ކުރީއްސުރެ ހަވާލުކޮށްފައިވާ ޕްރޮޖެކްޓުތަކަށް ސަރުކާރުން މި އަންނަނީ ގަވައިދުން ފައިސާ ދެމުން: ފިނޭންސް މިނިސްޓަރު

ކޮވިޑުގެ ކުރީން ސަރުކާރުން ހަވާލުކޮށްފައިވާ ޕްރޮޖެކްޓުތަކަށް ސަރުކާރުން ގަވައިދުން ފައިސާ ދެމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ކޮވިޑް 19 އާ ގުޅިގެން މާލީގޮތުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާބެހޭ މައުލޫމާތު، ދިނުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މި ދަނޑިވަޅުގައި ސަރުކާރުން ހަރަދު ކުރުމުގައި މައިގަނޑު ފޯކަސް ހުރީ، ބަޖެޓުގެ ތެރެއިން މެޑިކަލް ކަންތައްތަކަށް ކުރާ ހަރަދާއި، މިހާރު ހިނގަމުންދާ ޕްރޮޖެކްޓަތަކަށް ހަރަދު ކުރުމަށް ކަމަށެވެ.

އެގޮތުން މެޓިކަލް ކަތައްތައްތައް ހަމަޖައްސަމުން ގެންދާއިރު، ކުރިންސުރެން އެވޯޑު ކުރެވިގެން މިހާރުވެސް މަސައްކަތްތައް ކުރިއަށްދާ، މަޝްރޫއުތަކަށް ބަރާބަރަށް ފައިސާ ދައްކަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އޭގެ އިތުރުން ސަރުކާރުގެ ފޯކަސް ހުރީ ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ކަމަށެވެ.

"ހަމައެކަނި ފޯކަސްއަކަށް މިހަދަނީ، ބަޖެޓުގެ ތެރެއިން މެޑިކަލް ކަންތައްތަކަށް ކުރެވޭ ހަރަދު ތަކާއި މިހާރު ކުރިޔަށްދާ ޕްރޮޖެޓް ތަކަށް، މިހާރު ކުރެވޭ ހަރަދު، ކުރިއްސުރެން އެވޯޑު ކުރެވި މަސައްކަތް ކުރެވެމުންދާ ޕްރޮޖެކްޓްތަކަށް ފައިސާ ބަރާބަރަށް ދެމުން މިދަނީ،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކޮވިޑް 19 އާ ގުޅިގެން މާލީގޮތުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ކޮވިޑްގެ ހާދިސާގައި ދުނިޔޭގެ ހުރިހާ ގައުމުތަކަށް މާލީ ގޮތުން ގެއްލުން ވެފައިވާއިރު، ރާއްޖެއަކީ ބޭރު ގައުމުތަކަށް ބަރޯސާވެގެން އޮންނަ ގައުމެއް ކަމުން ރާއްޖެއަށް ވާ ގެއްލުން މާ ބޮޑު ކަމަށެވެ.

އެހެންކަމުން ސަރުކާރުން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދީ، އިތުރަށް ފައިސާ ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު އިތުރުު ހަރަދުތައް ކުޑަކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.