ކޮވިޑާއި ގުޅިގެން މާލީ ދަތިކަން ކުރިމަތިވެފައިވާ އަމިއްލަ ފަރާތްތަކަށް ރިލީފްގެ ގޮތުގައި ދޭ ފައިސާގެ އަދަދު 18000 އިން 30000 ރުފިޔާއަށް ބޮޑުކޮށްފި އެވެ.
ކޮވިޑް 19 އާ ގުޅިގެން މާލީގޮތުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާބެހޭ މައުލޫމާތު، ދިނުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެކަން ހާމަކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.
""އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން އިން ކުރިން، ކުދި ވިޔަފާރިތަކަށް ދޭން ނިންމި 18،000 ރުފިޔާގެ ލޯނު 30،000 ރުފިޔާއަށް އިތުރު ކުރުމަށްވަނީ ނިންމައިފަ، މީގެ ސަބަބުން އެ ވިޔަފާރިތަކަށް ކުރިއަށްވުރެން ފަހި ފުރުސަތުތަކެއް ލިބިދާނެކަމަށް ގަބޫލުކުރެވޭ،" ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިިސްޓަރު އަމީރު ވިދާޅުވީ، އެގޮތަށް ދޫކުރާ ފައިސާގެ އަދަދު އިތުރު ކުރީ، އެކަމުގެ ސަބަބުން އެ ވިޔަފާރިތަކަށް ފަހިފުރުސަތުތަކެއް ލިބޭނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
ލޯނު ޕެކޭޖުން ކުދި ވިޔަފާރިތަކަށް ލޯނު ދިނުމަށް ކަނޑައަޅާފައިވާ ގިންތިއަކީ، އަމިއްލަ މަސައްކަތް ކުރާ (ފްރީލާންސް) މީހުންނެވެ. އޭގެ ތެރޭގައި ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީ ނުކޮށް ހިންގާ ވިޔަފާރިތައް ވެސް ހިމެނެ އެވެ.
މި ލޯނު ފައިސާ ދޫކުރަނީ، ތިން އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް 6 ޕަސެންޓު އިންޓްރެސްޓް ރޭޓުގަ އެވެ. މި ލޯނު ހޯދަން އެއްވެސް ރަހުނެއް ބަހައްޓާކަށް ނުޖެހެ އެވެ.
ކުދި ވިޔަފާރިތަކަށް ދޭން ނިންމި 18،000 ރުފިޔާގެ ލޯނު 30،000 ރުފިޔާއަށް އިތުރު ކުރަން ނިންމައި އެކަން ހާމަކުރައްވާފައި މި ވަނީ، އެ ފައިސާގެ އަދަދު އިތުރުކުރަން މަސައްކަތް ކުރައްވާނެ ކަަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ވިދާޅުވެފައި ވަނިކޮށެވެ.