މޫސުމް

ސައިޓްތަކާއި، ބެލްކަނީގައި މަގުމައްޗަށް ވެއްޓޭ ގޮތަށް ތަކެތި ނުބެހެއްޓުމައް އިލްތިމާސްކޮށްފި

އިބްރާހިމް ޒަކީ

ކޮންސްޓްރަކްޝަން ސައިޓްތަކާއި ގޭގޭގެ ބެލްކަނީގައި މަގުމައްޗަށް ވެއްޓިދާނޭފަދަ ގޮތަކަށް ގަސްމުށްޓާއި، އެއްވެސް ބާވަތެއްގެ އެއްޗެއް ނުބެހެއްޓުމަށް މާލޭ ސިޓީ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.

ގްރޭޓާ މާލޭގެ ގޯތި ގެދޮރުގެ ވެރިންނާއި ކޮންސްޓްރަކްޝަން ސައިޓުތައް ބަލަހައްޓާ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް އެފަދަ ތަކެތި ނުބެހެއްޓުމަށް ސިޓީ ކައުންސިލުން އިލްތިމާސްކޮށްފައިވަނީ، ގްރޭޓާ މާލޭ ހިމެނޭ ގޮތަށް ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭވެހި ވައި ގަދަވާނެކަމަށް މޫސުމާބެހޭ އިދާރާއިިން، ލަފާކޮށް އާންމު ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައި ވުމާއި، މި ދުވަސްވަރު ގްރޭޓާ މާލޭ ސަރަހައްދަށް ވައިގަދަވެ ބޮޑެތި ގެއްލުން ލިބެމުންދާތީ، ރައްޔިތުންނަށް ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމަށްޓަކައެވެ.

އެހެންކަމުން "ގްރޭޓާ މާލޭ ސަރަހައްދުގެ ކޮންސްޓްރަކްޝަން ސައިޓްތަކާއި ގޭގޭގެ ބެލްކަނީގައި މަގުމައްޗަށް ވެއްޓިދާނޭ ފަދަ ގޮތަކަށް ގަސްމުށްޓާއި މިބާވަތުގެ އެއްވެސް އެއްޗެއް ނުބެހެއްޓުމަށް ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 151 ވަނަ މާއްދާގެ (ޖ) ދަށުން، ހަދާފައިވާ ގަވާއިދުތަކާއި އެއްގޮތަށް އަމަލުކުރަމަށް ގްރޭޓާ މާލޭގެ ގޭގެ ވެރިންނަށާއި ގްރޭޓާ މާލޭގައި އިމާރާތްކުރަމުން އަންނަ ސައިޓުތަކުގައި މަސައްކަތްކުރަމުން އަންނަ ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ވެރިންނަށް އިލްތިމާސް ކުރާކަމަށް" މާލޭ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާންގައި ބުނެފައި ވެއެވެ.

މީގެ އިތުރުން މަތިން އެއްޗެހި ވެއްޓޭ ފަދަ ގޮތަކަށް ބެހެއްޓިފައި ހުރި ކޮންސްޓްރަކްޝަން ސައިޓްފަދަ ތަންތަނުން ވީ އެންމެ އަވަހަކަށް އެކަން ރަނގަޅު ކުރުމަށް ވެސް ސިޓީ ކައުންސިލުން ބަނީ އަންގައިފައެވެ.

މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަށް ގަދަ ވަޔާއެކު ކުރަމުންދާ ވިސްސާރައިގައި، ބައެއް ހިސާބުތަކުގައ ފެންބޮޑުވެ، ކަނޑުމަތީގެ ހާދިސާތައް ހިނގައި، ގެއްލުންތައް ދަނީ ލިބެމުންނެވެ.