ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

ކޮވިޑާއި ގުޅޭ މަސައްކަތްތަކުގައި އުޅޭ މުވައްޒަފުން މުސާރަ ކުޑަކުރާ އޮނިގަނޑުން އިސްތިސްނާ ވާނެ: މިނިސްޓަރު

ކޮވިޑާއި ގުޅޭ މަސައްކަތްތަކުގައި އުޅޭ މުވައްޒަފުން ދައުލަތުން މުސާރަ ކުޑަކުރާ އޮނިގަނޑުން އިސްތިސްނާ ވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ އެންމެ ފަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19 އާއި ގުޅިގެން ދައުލަތުގެ ހަރަދު ކުޑަ ކުރުމުގެ ގޮތުން މުވައްޒަފުންނާއި އެކިއެކި ފަރާތްތަކަށް ދައުލަތުންދޭ މުސާރައާއި އިނާޔަތްތަކަށް ބަދަލު ގެންނަން ނިންމާފައިވާކަން އާންމުކުރައްވާފައިވާނެ ކަމަށެވެ.

އެގޮތުން މިކަން ކުރުމަށް ނިންމާފައިވާ ގޮތުގެ ތަފްސީލީ ސާކިއުލާއެއް މިނިސްޓްރީގެ ވެބްސައިޓުގައި އާންމު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް ބައެއް މީހުންގެ މުސާރަ ކުޑަކުރަން ނިންމި ނަމަވެސް، މުސާރަ ކުޑަ ނުކުރަން ނިންމާފައިވާ ހާއްސަ ބަޔަކު ހިމެނޭ ކަމަށެވެ. އެއީ ކޮވިޑް އޮޕަރޭޝަންގައި ފްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން މުސާރަ ކުޑަ ނުކުރުމަށް ނިންމާފައިވަނީ؛

  • އެޗްޕީއޭގައި މަސައްކަތް ކުރާ މުވައްޒަފުން
  • ޑިޒާސްޓާ މެނޭޖްމަންޓުގައި މަސައްކަތް ކުރާ މުވައްޒަފުން
  • ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުގައި ރައީސް އައްޔަން ކުރައްވާފައިވާ މަގާމުތަކުގެ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުން
  • ސިފައިންނާއި ފުލުހުން އަދި
  • އެންއީއޯސީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން އެފަރާތްތައް ނިސްބަތްވާ އިދާރާއަކުން އައްޔަން ކުރުމުގެ ސަބަބުން އެ ސެންޓަރުގައި ދުވާލެއްގެ މައްޗަށް ހަ ގަޑިއިރަށްވުރެ ގިނައިން މަސައްކަތް ކުރާ މުވައްޒަފުންނެވެ.

ސަރުކާރު ކުންފުނިތަކުގެ މުސާރަތައް ކުޑަކުރުމަށް އާ އޮނިގަނޑެއް އެކުލަވައިލައި ފިނޭންސް މިނިސްޓްރީއަށް ފޮނުވުމަށް މިދިޔަ މަހު ފަހުކޮޅު މިނިސްޓްރީން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަންގާފައެވެ. މީގެ އިތުރުން ސިޔާސީ މަގާމުތަކުގެ މުސާރަ 35 ޕަސެންޓާއި ހަމަޔަށް ކުޑަކުރަން ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.