މުވައްޒަފުން ވަކިކުރި ކުންފުނިތަަކަށް ވެސް ޝަރުތުތަކަކާ އެކު ލޯނު ދޭން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އެންއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިިބްރާހީމް އަމީރު ވިދާޅުވީ ކޮވިޑް 19 ރިކަވަރީ ސްކީމްގެ ދަށުން ލޯނު ނެގުމަށް ބީއެމްއެލް އަދި އެސްއެމްއީއަށް ހުށަހަޅާފައިވާ ވިޔަފާރިތަކުގެ ތެރޭގައި މުވައްޒަފުންނަށް ނޯޕޭ ނަގަން މަޖުބޫރު ކުރި ކުންފުނިތަކާއި ވަޒީފާއިން މުވައްޒަފުން ވަކިކުރި ކުންފުނިތައް ހިމެނޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ލޯނަށް ކުރިމަތިލާ ވިޔަފާރިތަކުގެ ވަކި ޝަރުތުތަކެއް ހުންނަން ޖެހޭނެ ކަމަށާއި މި ޝަރުތުތައް މީގެ ކުރިން މިނިސްޓްރީން އާންމު ކޮށްފައިވާ ކަމަށެވެ. އެ ގޮތުން މުވައްޒަފުން ނޯޕޭ ނަގަން މަޖުބޫރުކޮށް، ނޯޕޭއަށް ފޮނުވާލި ކުންފުނިތަކާއި މުވައްޒަފުން ވަކި ކުރި ކުންފުނިތަކަކީ މި ލޯނަށް ޝަރުތު ހަމަ ނުވާ ކުންފުނިތައްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އެހެން ނަމަވެސް މި ދަނޑިވަޅަކީ ހުރިހާ އެންމެނަށްވެސް ދަތި އުނދަގޫ ދުވަސްތަކެއް ކަމަށާއި، މި ވިޔަފާރިތަކުގެ މުވައްޒަފުންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމަށް މި ސްކީމްގެ ދަށުން ލޯނަށް ލީ ވިޔަފާރިތަކުގެ ތެރެއިން އެޕްލިކޭޝަން ރިޖެކްޓު ކޮށްފައިވާ ވިޔަފާރިތަކަށް އިތުރު ފުރުސަތެއް ދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
އެގޮތުން، މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި، ނުވަތަ ނޯޕޭއަށް ފޮނުވައިލަން ކުރީން ނިންމާފައިވީ ނަމަވެސް، މި ވިޔަފާރިތަކުން މުވައްޒަފުން ސަސްޕެންޑު ކުރި ނުވަތަ މުސާރަ ދަށް ކުރުމުގެ ނިންމުން އަނބުރާ ގެންގޮސް، މަދުވެގެން މަހަކު 5000 ރުފިޔާ ދިނުމަށް ހަމަޖައްސައިފި ނަމަ، އެ ވިޔަފާރިއަކީ ލޯނަށް ޝަރުތު ހަމަވާނެ ވިޔަފާރިއަކަށް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ނިންމުމަކީ މުވައްޒަފުންނާއި ވިޔަފާރިތަކަށްވެސް އޭގެ ފައިދާ ކުރާނެ ކަމެއް ކަމަށާއި މިކަމާ ގުޅޭ ތަފްސީލީ ސާކިއުލާއެއް މިއަދު އާންމު ކުރާނެ ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
ކޮވިޑް 19 އާއި ގުޅިގެން އެކި ގޮތްގޮތުން އާމްދަނީއަށް އަސަރުކޮށްގެން މެއި ހަތެއްގެ ނިޔަލަށް ޖުމުލަ 2291 މީހަކު ޖޮބް ސެންޓަރުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު ވިދާޅުވިއެވެ.