ކޮވިޑުގެ ހާލަތާއި ގުޅިގެން ހަފުތާއަކު އެއްދުވަހު މީޑިއާއަށް މައުލޫމާތުދެއްވަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ނިންމަވައިފި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު ވީހާވެސް ގިނައިން ހިއްސާ ކުރުމަށް ބައްދަލު ކުރެއްވުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.
"އަޅުގަނޑު މި ބަލަނީ، ހަމަ ވީހާވެސް ގިނައިން ތިޔަ ބޭފުޅުންނާ ބައްދަލު ކޮށްލެވޭތޯ. އިރާދަ ކުރެއްވިއްޔާ މީގެ ފަހުން ކޮންމެ ހަފްތާ އަކު އެއް ދުވަހު ނޫސްވެރިންނާ އަޅުގަނޑު ބައްދަލު ކުރާނަން" މިނިސްޓަރު ވިދާޅުވިއެވެ.
ކޮވިޑް 19އާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިތަކުން އަރައިގަތުމަށް ފިނޭންސް މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖެއަށް ބައިނަލްއަގްވާމީ ފަރާތްތަކުން ހިލޭ އެހީ އާއި ލޯނު އެހީ ހޯދުމުގެ މަސައްކަތް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށްވެސް މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެގޮތުން ދައުލަތުގެ މުސާރަދޭ މީހުންގެ މުސާރައިގެ އޮނިގަނޑަށް ވެސް ވަނީ ބަދަލުތައް ގެންނަން ފަށައިފި އެވެ. އެހެން ނަމަވެސް މުސާރައިގެ އޮނިގަނޑަށް ބަދަލުގެންނަ އިރު، ކޮވިޑުގެ ކަންކަމުގައި އަމަލީގޮތުން ހަރަކާތްތެރިވާ ފަރާތްތައް އެ އޮނިގަނޑުން އިސްތިސްނާ ވާނެ ކަމަށް މިއަދުގެ ޕްރެސް ކޮންފަރެންސްގައި ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.