ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގައި ކޮށްފައިވާ ލޮކްޑައުންގެ އަމުރުތަކަށް ނުކިޔަމަންތެރި ވި 128 މީހަކު އިއްޔެ ޖޫރިމަނާ ކޮށްފިއެވެ.
ފުލުހުން ކުރި ޓުވީޓެއްގައި ބުނީ ޖޫރިމަނާކުރި މީހުންގެ އިތުރުން، ލޮކްޑައުންގެ އަމުރުތަކަށް ނުކިޔަމަންތެރި ވި ނުވަ މީހަކު އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ލޮކްޑައުން ކުރި ފަހުން ޖުމުލަ 219 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މާލެ ސަރަހައްދު ލޮކްޑައުން ކުރުމުގެ ފަހުން ފުލުހުން ވަނީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ. އަދި ކޮންމެހެން ބޭނުން ޖެހިއްޖެ ހާލަތެއްގައި ބޭރަށް ނިކުމެ އުޅުމުގައި ވަކި އުސޫލުތަކެއް ކަނޑައަޅައިފައެވެ.