ޚަބަރު

މިމަހުގެ 28 ގެ ނިޔަލަށް މީރާ ވެސް ބަންދު، ގިނަ ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ

މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ވެސް ބަންދުވާނެ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން ނެރުނު އިއުލާނެއްގައި ބުނީ، އެ އޮތޯރިޓީ ނުހުޅުވާ ގޮތަށް ނިންމީ، ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ މުއްދަތު އިތުރުކޮށް، މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ގޮތަށް ހަމަޖައްސާފައިވާތީ ކަމަށެވެ. އަދި އެ އޮތޯރިޓީ ހުޅުވާނެ ތާރީހެއް ފަހުން އިއުލާން ކުރެވޭނެ ކަމަށް އިއުލާނުގައި ވެއެވެ.

މީރާ އިން ބުނީ، މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެ އޮތޯރިޓީ ހުޅުވާފައި ނުވާތީ އާއި އެ މުއްދަތުގައި ގިނަ ސުންގަޑިތަކެއް އައިސްފައިވާތީ އެ މުއްދަތުގައި އައިސްފައިވާ ހުރިހާ ސުންގަނޑިތަކުގެ އާ ސުންގަނޑިއަކީ ބަންދަށްފަހު އޮފީސް ހުޅުވާ ދުވަސްކަމުގައި ވެއްޖެނަމަ، ޓެކްސް ދައްކާ ފަރާތްތަކުން އަދާކުރަން ޖެހޭ އިލްތިޒާމްތައް އަދާކުރުމަށް އެދޭ ކަމަށެވެ.

އޭގެ އިތުރުން އިޖްތިމާއީ ގައިދުރުކުމާއެކު ހިދުމަތް ދިނުމުގައި ބޮޑެތި ދަތިތަކެއް ދިމާވާނެތީ، ސުންގަޑި ކަނޑައަޅާނީ މި މުއްދަތުގައި ފާއިތުވެފައިވާ ހުރިހާ ސުންގަޑިއެއްގެ އާ ސުންގަޑިއަކީ އޮފީސް ހުޅުވާ ދުވަސް ކަމުގައި ނުވާ ގޮތަށް ކަމަށާއި އެކަމުގެ މައުލޫމާތު ވެސް ފަހުން ހާމަކުރާނެ ކަމަށް މީރާ އިން ބުނެއެވެ.

އެ އޮތޯރިޓީން ބުނީ، މިމަހުގެ 28ގެ ނިޔަލަށް އޮތޯރިޓީ ހުޅުވައިގެން ހިދުމަތް ނުދެވުނު ކަމުގައިވިޔަސް، މީރާގެ ގިނަ ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ ކަމަށެވެ.