ޚަބަރު

މަސައްކަތުގެ ނަތީޖާ ފެންނަނީ ރައްޔިތުން ކިޔަމަންތެރިވުމުން، ނިއުނޯމަލް އަށް ރައްޔިތުން އަންނަން ޖެހޭ: މައިމޫނާ

އަލީ ޔާމިން

ރާއްޖޭގައި ހީކުރިހާ ބޮޑަށް ކޮވިޑް ނުފެތުރި މިއޮތީ ކަމާ ބެހޭ ފަރާތްތަކުން ދިން އިރުޝާދުތަކަށް ދަތި ހާލަތުގައި ވެސް ގިނަ ރައްޔިތުން ކިޔަމަންތެރިވުމުން ކަމަށް ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި މައިމޫނާ ވިދާޅުވީ، ގިނަ ރައްޔިތުންނަކީ ސަރުކާރުން އަޅާ ފިޔަވަޅުތަކަށް ކަމޭހިތާ އެ ފިޔަވަޅުތައް ބަލައިގަންނަ ރައްޔިތުން ކަމަށެވެ. އަދި އެ ރައްޔިތުން ދެއްކި ކިޔަމަންތެރިކަމުގެ ނަތީޖާ ފެންނަމުން އަންނަ ކަމަށް މައިމޫނާ ވިދާޅުވިއެވެ.

"ވަރަށް ދަތި ހާލަތުގައި ހާއްސަކޮށް މާލޭގައި މީހުން ގޭގައި ތިބެން ޖެހެނީ، އެކަމަކު އެ ދަތިތަކާއެކުވެސް ފިޔަވަޅުތަކަށް ކަމޭހިތައިފި. އެހެންވެ މިހާރު އަޅުގަނޑުމެން މިކުރިއަށް ގެންދެވޭ މަސައްކަތުގެ ފައިދާ ބޮޑަށް ފެނިގެން މި ދިޔައީ،" މައިމޫނާ ވިދާޅުވި އެވެ.

މައިމޫނާ ވިދާޅުވީ، ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ނުލިބުނު ނަމަ ބަލީގެ ހާލަތު ވަރަށް ގޯސްވެގެންދިޔައީސް ކަމަށާއި، އަޅާފައިވާ ކޮންމެ ފިޔަވަޅެއްވެސް އަޅާފައިވާނީ ބަލީގެ ނުރައްކަލާއި ހާލަތަށް ބެލުމަށް ފަހުގައި ކަމަށެވެ.

މައިމޫނާ ވިދާޅުވީ، ކޮވިޑާއެކު ދިރިއުޅުމުގެ ވައްޓަފާޅިއަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން ނިއު ނޯމަލްއަށް ރައްޔިތުން އަންނަން ޖެހޭ ކަމަށާއި، ނިއު ނޯމަލްގައި އުޅުމަށް ސިއްހީ ހިދުމަތްތެރިން ދެއްވާ އިރުޝާދުތަކަށް ބޯލަނބަން ޖެހޭ ކަމަށެވެ. އަދި އެފަދަ ހާލަތަކަށް ސަރުކާރުން ތައްޔާރަށް އޮތް ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން އެންމެ ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތަކީ އަތޮޅުތެރެޔަށް ބަލި ފެތުރިއްޖެ ހިނދެއްގައި އެކަމަށް ބޭނުންވާނެ ކެޕޭސިޓީ އިތުރުކުރުން ކަމުގައި މައިމޫނާ ވިދާޅުވިއެވެ. އަދި ކެޕޭސިޓީ އިތުރުކުރުމުގައި ބޮޑެތި ކާމިޔާބީތައް މިހާރުވެސް ލިބިފައިވާ ކަމުގައި ވިދާޅުވިއެވެ.