ޚަބަރު

ސަމާލުވޭ! ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ޑިޕްރެޝަން މާދަމާ ތޫފާނަކަށް ބަދަލުވެ ރާއްޖެއަށް ނުސީދާ އަސަރުކުރާނެ

މުހައްމަދު އައުޒަމް

1

ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ޑިޕްރެޝަން މާދަމާ ތޫފާނަކަށް ބަދަލުވެ ރާއްޖެއަށް ނުސީދާ އަސަރުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން މެޓް އޮފީހުގެ އެސިސްޓަންޓް މީޓިއޮރޮލޮޖިސްޓް އަބްދުﷲ ހާފިޒް ވިދާޅުވީ ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ޑިޕްރެޝަން މާދަމާ މެންދުރުފަހު ޑީޕް ޑިޕްރެޝަނަކަށް ބަދަލުވެ ތޫފާނަކަށް ބަދަލުވާނެ ކަމަށް ބެލެވޭ ކަމަށެވެ. ތޫފާނުގެ އަސަރު ނުސީދާކޮށް ރާއްޖެއަށް ކުރާނެ ކަމަށާއި ކުރިޔަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެ ކަމަށް ވެސް ހާފިޒް ވިދާޅުވިއެވެ.

މެޓުން ބުނީ ކުރިޔަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދަށް ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ވިލާގަނޑުގައި 45 މޭލާ 50 މޭލާ ދެމެދަށް ވައި ގަދަވާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ހާފިޒް ވިދާޅުވީ ވައިޖެހޭ ނިސްބަތަށް ބަލާނަމަ މުޅި ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ފަސް ފޫޓާއި އަށް ފޫޓާ ދެމެދު ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލައި މެޓުން ވަނީ ބޯކޮށް ވާރޭވެހި ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް އެދިފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި ކަނޑުދަތުރު ނުކުރުމަށްވެސް މެޓުން ވަނީ އެދިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟