ޚަބަރު

ކޮވިޑާ ގުޅިގެން ސަރުކާރުން ކުރާ ހަރަދުތައް އޮޑިޓްކުރަން އީވާ ހުށަހަޅުއްވައިފި

1

ކޮވިޑް 19ގެ މި ހާލަތާ ގުޅިގެން ދައުލަތުން ހަރަދުކުރާ ގޮތާއި، ދަރަނީގެ އިތުރުން އެހީގެ ގޮތުގައި ލިބޭ ފައިސާ ހަރަދުކުރާ ގޮތުގެ ފައިނޭންޝަލް އޮޑިޓެއް ކުރަން ރައްޔިތުންގެ މިޖިލީހުގެ ނައިބު ރައީސް ހުށަހަޅުއްވައިފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހަޅުއްވާފައިވަނީ އަހަރުގެ ކޮންމެ ކުއާޓަރެއް ވަކިވަކިން އޮޑިޓްކުރާ ގޮތަށެވެ.

އީވާ މި ހުށަހެޅުން ހުށަހަޅާފައިވަނީ، ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން ކުރަމުންގެން އަންނަ ކަންތައްތަކާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ކަނޑައަޅައި ސަރުކާރަށް ހުށަހެޅުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެކުލަވައިލި ރިޕޯޓުގައި ހިމަނައިގެންނެވެ.

މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި ކޮވިޑް 19ގެ ސަބަބުން ޖުމްލަ ގޮތެއްގައި އާމްދަނީ ދަށްވާ މިންވަރު، އިމްޕޯޓް ދަށްވާ މިިންވަރަށްވުރެ މަތިވާނެ ކަމަށް ބެލެވޭތީ، އެކްސްޗޭންޖް ރޭޓް ދެމެހެއްޓުމަށް ރިޒާވުން ހޭދަކުރާ މިންވަރު އިތުރުވާނެ ކަމަށް ބެލެވޭތީ އާއި، އިތުރު ބޭރު ފައިސާގެ އާމްދަނީ ނުލިބި، އިތުރަށް ހަރަދު ކުރަން ޖެހުމުން ބޭރު ފައިސާގެ ރިޒާވް ދަށްވެ، ދައުލަތުގެ ރިޒާވަށް އަންނަ ދަތިކަން އިތުރުވެ، އެކްސްޗޭންޖް ރޭޓަށް އޮންނަ ޕްރެޝަރު ބޮޑުވާނެތީ، މި ޕްރެޝަރު ކުޑަކުރުމަށް ސަރުކާރުންނާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަޅާ ފިޔަވަޅުތަކާއި، ބޭނުންކުރާ ވަސީލަތްތަކާ ގުޅޭ މައުލުމާތު މާލއިްޔަތު ކޮމިޓީއާ ހިއްސާކުރުމަށް ވެސް ވަނީ ހުށަހަޅައިފައެވެ.

މީގެ އިތުރުން ކޮވިޓް 19ގެ ސަބަބުން ރާއްޖެއަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ ދަށަށްދާތީ، ރާއްޖޭގެ އެތެރޭގެ ބޭނުންތަކަށް އެތެރެކުރާ މުދާ ނުވަތަ އިމްޕޯޓަށާއި، ދަރަނި އަދާކުރުމާށާއި އެފަދަ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ، ބޭނުންވާ މިންވަރަށް ނުލިބުމަކީ އެކަށީގެންވާ ކަމަކަށްވާތީ، މިކަންކަން ފޫބެއްދުމަށް ސަރުކާރުން ހިލޭ އެހީ އާއި ދަރަނީގެ ގޮތުގައި ބޭރު ފައިސާ ހޯދުމަށް ކުރާ މަަސައްކަތުުގެ ތަފުސީލު މާލިއްޔަތު ކޮމިޓީއާ ހިއްސާކުރަން ވެސް ވަނީ ހުށަހަޅައިފައެވެ.

އެގޮތުން ކޮމިޓީ ރިޕޯޓުގައި 19 ކަމެއް ސަރުކާރަށް ހުށަހަޅަން ވަނީ ހިމަނައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟