ޑެލިވަރީ ކުރާ މީހާއާއި ހަ ފޫޓުގެ ދުރުމިނެއް ބެހެއްޓުން މުހިންމު ކަމަށް ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕު (ޓެގް)ގެ ފަރާތުން މިހާރު ކުރިއަށްގެންދާ ހޯމް ކަރަންޓީނާ ގުޅޭ ޕެނަލް ޑިސްކަޝަނުގައި ޑރ. ނަޒްލާ ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ ޑެލިވަރީ ކުރާ މީހާއާ އެއްވެސް ގޮތަކަށް ދިމާވާ ނުވާ ގޮތް ހެދުން ކަމަށެވެ.
ޑެލިވަރީ ކުރަން އަންނަ މީހާއާއި ގޭގައި ތިބޭ މީހުންނާ ހަ ފޫޓު ދުރުމިން ބަހައްޓަން ޖެހޭނެ. އެކަމަކު އެންމެ ރަނގަޅު ގޮތަކީ މިސާލަކަށް އެއްވެސް ގޮތަކަށް ދިމާނުވާ ކަހަލަ ގޮތެއް ހެދުން. މިސާލަކަށް އޭގެ މާނައަކީ އޮންލައިން ޓްރާންސެކްޝަނެކޭ ހަދާނީ. ގޭގެ ދޮރު ކައިރީ ކުޑަ މޭޒެއް ބަހައްޓާނީ. އޭރުން ޑެލިވަރީ ކުރާ މީހާ އައިސް އެ މޭޒުމަތީގައި އެއްޗެހި ބަހައްޓާފައި، ދޮރު ލައްޕާލީމަ ދެން އެ އެއްޗެހި ނަގާނީ. މިއީ ގޭގައި ކަރަންޓީނު ވެގެން ތިބޭ މީހުންގެ ފަރާތުން ޑެލިވަރީ ކުރާ މީހާއަށް އިންފެކްޝަން ދިއުން ދުރުކޮށްދޭނެ ކަމެއް،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ޑެލިވަރީކުރަން އަންނަ މީހާގެ ގައިގައި ވެސް ފަހަރުގައި އިންފެކްޝަން ހުރެދާނެ ކަމަށް ވިސްނަން ޖެހޭ ކަމަށާއި އެހެންކަމުން ޑެލިވަރީ ކުރާ މީހާ އައިސް އެއްޗެހި ބެހެއްޓުމުން އެ އެއްޗެހި އެތަނުން ނެގުމަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން މުހިންމު ކަމަށެވެ.
"އަނެއް ގޮތަކީ އެއީ ޕެކެޓު ކޮށްފައި ހުރި އެއްޗެއް ކަމަށްވަންޏާ އޭގެ ބޭރު ސައިބޯނި ލައިގެން ސާފު ކޮށްލެވިދާނެ. އާންމުކޮށް މިހެން ގެންނަ އެއްޗެހި ތިން ދުވަސްވާއިރު އޭގައި ހުންނަ ވައިރަސްގެ އަސަރު ވަރަށް ބޮޑުތަން ދަށްވާނެ،" އޭނާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ މި ދުވަސްކޮޅު އަބަދުވެސް ވިސްނަންވީ އަތްނުދޮވެ، މޫނުމަތީގައި އަތްނުލުމަށް ކަމަށާއި އެއީ ކޮވިޑުން ރައްކާތެރިވުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.