ކޮވިޑް 19އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިތަކުން އަރައިގަތުމަށް ބޭރުން ސަރުކާރުން ހޯދަން މަސައްކަތް ކުރާ ހިލޭ އެހީ އާއި ލޯނުތަކުން ހަރަދުތައް ހަމައެއް ނުޖެއްސޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ދައުލަތުގެ ކޭޝްފްލޯ ހަމަޖެއްސުމަށް ދިހަ ފަރާތަކުން 233.3 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް އެހީތައް ލިބިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ރޭ ބޭއްވި ވެބިނާ ސެޝަނެއްގައި ކޮވިޑް 19ގެ އިގުތިސާދީ އަދި ފިސްކަލް ލޮޅުންތަކާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ، ޓޫރިޒަމް ސިނާއަތް އެއްކޮށް ހުއްޓި ދައުލަތުގެ އާމްދަނީ ދަށްވެފައިވާތީ، ފައިނޭންސިންގެ ގޮތުގައި އިތުރު ފައިސާ ބޭނުންވާ ކަމަށެވެ.
އެގޮތުން ރާއްޖެއަށް ފައިސާ ހޯދުމަށް މަސައްކަތްކުރަމުން އަންނަނީ ބޭރުގެ ހިލޭ އެހީ އާއި ބޭރުގެ ލޯނުތަކުން އަދި އެތެރޭގެ ބާޒާރަށް ޓީބިލް ވިއްކައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޓޫރިޒަމް ހުއްޓިފައި އޮތުމާ ގުޅިގެން ފޮރިން އެކްސްޗޭންޖުގައި ވެސް ބޮޑެތި އުނދަގޫތަކެއް ދިމާވާނެތީ، އެ ތިން ގޮތުގެ ތެރެއިން ބުރަ ވެވެނީ ބޭރުގެ ލޯނާއި ހިލޭ އެހީއަށް ކަމަށެވެ.
ޝަރުވަޝް ވިދާޅުވީ، ބޭރުގެ މާލީ އިދާރާތަކުން ހޯދަން ނިންމާފައިވާ އަދަދުން، ރާއްޖޭގެ ހަރަދުތައް އެންމެ ފުރިހަމައަށް މެނޭޖް ކުރެވޭނެ ކަމަށް ބައެއް ފަރާތްތަކަށް ހީވިޔަސް އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ. އަދި ފޫބެއްދުމަށްޓަކައި އަދިވެސް ހަރަދު ކުޑަކޮށް، އިތުރު ފައިނޭންސިން ގެންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ގާތްގަނޑަކަށް 200 މިލިއަން ޑޮލަރުގެ މަސައްކަތް މިހާރު ވެސް މިދަނީ ކުރަމުން. އަދި ޕްރައިވެޓް ބޭންކުތަކާ އެއްކޮށް ވެސް ވާހަކަ އެބަ ދެކެވޭ. ބައެއް ބޭފުޅުންނަށް ހީވަނީ ވަރަށް ގިނަ އަދަދެކޭ، ފުލީ ފައިނޭންސް ކުރެވޭ އަދަދެކޭ. އެހެންނަމަވެސް އެހެނެއް ނޫން. އެ ހުރިހާ ފައިސާއެއް ލިބުނު ކަމުގައިވިޔަސް ފައިނޭންސް ނުކުރެވޭ ބޮޑުބައެއް އެބައޮތް. އެތަން ފޫބެއްދުމަށްޓަކައި މަސައްކަތް ކުރަން ޖެހޭނީ ހަރަދު ކުޑަކޮށްގެންނާއި އިތުރު ފައިނޭންސް ގެނެސްގެން،" ޝަރުވަޝް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ފައިނޭންސް ހޯދައިގެން ވެސް ދަރަނި އިތުރުވާނެ ކަމަށާއި ނަމަވެސް އިތުރު އެއްވެސް ގޮތެއް ނެތް ކަމަށެވެ.
ކޮވިޑާ ގުޅިގެން މިއަހަރު ލަފާކުރާ ފަސް ސިނާރިއޯއެއް ފިނޭންސް މިނިސްޓްރީން ވަނީ އެކުލަވާލައިފައެވެ. އެގޮތުން މިހާރު ރާއްޖެ އޮތް ހާލަތުގެ ގޮތުގައި ފާހަގަކުރާ ސިނާރިއޯ ތިނެއް ނުވަތަ ބެސްޓް ސިނާރިއޯގައި ސަރުކާރުގެ ހަރަދުތައް މެނޭޖް ކުރުމަށް 15.2 ބިލިއަން ރުފިޔާ ބޭނުންވެއެވެ. އަދި ރާއްޖޭގެ ހާލަތު ދެން ބަދަލުވާނެ ގޮތުގައި ފާހަގަކުރާ ސިނާރިއޯ ހަތަރެއްގައި ހަރަދުތައް މެނޭޖް ކުރުމަށް 17 ބިލިއަން ރުފިޔާ ބޭނުންވާނެއެވެ.
ޝަރުވަޝް ވިދާޅުވީ، ފައިނޭންސިން ހޯދުމުގައި ބައިވަރު ދަތިތަކެއް އެބަ ހުރި ކަމަށާއި އެކަމަށް ވަގުތު ވެސް ނަގާނެ ކަމަށެވެ. އެގޮތުން ބޭރުގެ ބާޒާރުގައި ހަރަކާތްތައް ވަރަށް ބޮޑަށް ދަށްވެ، ބައެއް ގައުމުތަކުން ޑޮލަރު ބޭރުން ކުރުމަށް ވެސް ފިޔަވަޅުތަކެއް އަޅާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"ފައިނޭންސިން ހޯދުމުގައި އެބަހުރި ވަރަށް ދަތިތަކެއް. އެއީ އެކަމުގެ މަޝްވަރާއަކީ ވަރަށް ޕެއިންފުލް ވަގުތުދާ މަޝްވަރާތަކެއް. އަދި އެއާއެކީގައި ބޭރުގެ މާކެޓްގައި އެކްޓިވިޓީ ވަރަށް ބޮޑަށް ދަށް. މާކެޓް އެކްޓިވިޓީއެއް ނެތް. އެއާއެކީގައި ކެޕިޓަލް ކޮންޓްރޯލް ވެސް އަޅާފައި ހުންނަނީ ގައުމުތަކުގައި. އެ ގައުމަކުން ޑޮލަރެއް ބޭރު ކުރުން ވެސް އޮންނަނީ ވަރަށް ބޮޑަށް ދަތިކޮށްފައި. ބޭސް ވެސް ބޭރުކުރުން ހުއްޓުވާފައި އޮންނަ ފަދައިން ފައިސާ ބޭރުކުރުން ވެސް ވަރަށް ގިނަ ގައުމުތަކުން ފިޔަވަޅު އަޅާފައި،" ޝަރުވަޝް ވިދާޅުވިއެވެ.
އޭނާ ވިދަޅުވީ، އެތެރޭގެ މާލީ ބާޒާރުން ފައިނޭންސިން ހޯދުމުގައި ވެސް ދަތިތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ބޭންކުތަކުން ލޯނު ދެއްކުމުގައި ލުއިތައް ދިނުމުގެ ސަބަބުން ބޭންކުތަކުގެ އާމްދަނީ ދަށްވެ، އިގުތިސާދުގައި ފައިސާ ދައުރުވާ މިންވަރު ވެސް ދަށްވެފައިވާތީ، ފައިސާ ހޯދުމަށްފަހު ޓީބިލަށް އިންވެސްޓް ކުރުމުގެ ގާބިލުކަން ދަށްވެފައިވާ ކަމަށެވެ.
އޭގެ އިތުރުން ވަޒީފާތައް ގެއްލުމާ ގުޅިގެން ޕެންޝަން އޮފީހަށް ލިބޭ އާމްދަނީ ވެސް ދަށްވެ، އެ އޮފީހުން ވެސް ޓީބަލަށް އިންވެސްޓު ކުރާ މިންވަރު ދަށްވެފައިވާ ކަމަށާއި އެހެންކަމުން މި ހާލަތުގައި އެތެރޭގެ މާކެޓުން ކުރިން ލިބޭ ވަރަށް ފައިސާއެއް ދެން ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރުވަޝް އިތުރަށް ވިދާޅުވީ، މި ހާލަތުގައި ވެސް ކޮންމެހެން ދައްކަންޖެހޭ ބިލުތަކަށް ސަރުކާރުން ފައިސާ ދައްކަންޖެހޭ އިރު ލޮކްޑައުންއާ ގުޅިގެން ދައުލަތުގެ ޓެކްސް އިދާރާ، މީރާ ބަންދުކޮށްފައިވާތީ ޓެކްސް ފައިސާ ބަލައިނުގަނެވޭތީ އާމްދަނީ އިތުރު ކުރަން ވެސް ދަތިތަކެއްވެ، ކޭޝްފްލޯއަށް ވަރަށް ބޮޑު ތާށިކަމެއް އައިސްފައިވާ ކަމަށެވެ.