ޚަބަރު

15 ދުވަސް ތެރޭގައި "ކޮވިޑް 19 މައިގްރެންޓްސް ރިލީފް ފަންޑް"އަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ

އަލީ ޔާމިން

ރާއްޖޭގައި ދިރިއުޅޭ ހާލުގައި ޖެހިފައިވާ ބިދޭސީންނަށް އެހީވުމަށް މޯލްޑިވިއަން ރެޑް ކްރެސެންޓުން ހުޅުވާލި "މައިގްރަންޓްސް ރިލީފް ފަންޑް" އަށް މިހާތަނަށް އަށް ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

މޯލްޑިވިއަން ރެޑް ކްރެސެންޓުން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ ފަންޑަށް އެހީގެ ގޮތުގައި މިހާތަނަށް 881،787.44 ރުފިޔާ ލިބިފައިވާ ކަމަށެވެ.

މިމަހުގެ އެއްވަނަ ދުވަހު ހުޅުވާލި މި ފަންޑަށް ފައިސާ ޖަމާކުރެވޭނީ މިމަހުގެ 31ގެ ނިޔަލަށެވެ.

ރެޑް ކްރެސެންޓުން ބުނީ އެ ފަންޑަށް ފައިސާ ޖަމާކުރަން ބޭނުންވާ ފަރާތްތަކަށް އެ ޖަމިއްޔާގެ ވެބްސައިޓުގައިވާ "ޑޮނޭޓް" ބަޓަން ބޭނުންކުރެވޭނެ ކަމަށެވެ.

މައިގްރަންޓްސް ރިލީފް ފަންޑަށް އެހީވުމަށް ފައިސާ ފޮނުވޭނެ އެކައުންޓުތައް:

  • ބީއެމްއެލް އެކައުންޓް ނަންބަރު (ރުފިޔާ): 7701176022001
  • ބީއެމްއެލް އެކައުންޓް ނަންބަރު (ޑޮލަރު) 7701176022002
  • އިސްލާމިކް ބޭންކް އެކައުންޓް ނަންބަރު (ރުފިޔާ) 99010155500036100
  • އިސްލާމިކް ބޭންކް އެކައުންޓް ނަންބަރު (ޑޮލަރު) 99010155500036200

ރެޑް ކްރެސެންޓުން ބުނީ މައިގްރަންޓްސް ރިލީފް ފަންޑަށް ފައިސާ ޖަމާކުރާ އިރު، ރިސިޕްޓް ކޮޅުގައި "ކޮވިޑް 19 މައިގްރަންޓްސް ރިލީފް ފަންޑް" ޖެހުން އެދޭ ކަމަށެވެ. މައިގްރަންޓްސް ރިލީފް ފަންޑަށް ހަދިޔާކުރާ ފައިސާ ހޭދަކުރާނީ ބިދޭސީންގެ ކެއިންބުއިމާއި، ހައިޖީންގެ ކަންކަން ކޮށްދިނުމަށް ކަމަށް ރެޑް ކްރެސެންޓުން ބުނެއެވެ.