ޚަބަރު

ހައްޖަށްދާން ބޭނުންކުރުމަށްވުރެ މިހާލަތުގައި ޕެންޝަން ފަންޑު ބޭނުންކުރެވޭ ގޮތް ހެދުން މާއައުލާކަން ބޮޑު: ޑރ. ޝަހީމް

އައިދާ އަބްދުލް ހަކީމް

މިހާލަތަށް ބަލާއިރު، ޕެންޝަން ފަންޑުން ވަކި އުސޫލެއްގެ ދަށުން ރައްޔިތުންނަށް ވަކި މިންވަރެއް ބޭނުންކުރެވޭ ގޮތް ހެދުން ހައްޖަށް ދިއުމަށް އެފަންޑުގެ ފައިސާ ބޭނުންކުރުމަށްވުރެ މާއައުލާކަން ބޮޑު ކަމަށް ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

"ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ޝަހީމް ވިދާޅުވީ ކޮވިޑް 19 އާ ގުޅިގެން ރައްޔިތުންނަށް މިވަނީ ދިރިއުޅުމަށް ބޭނުންވާ އެންމެ ޒަރޫރީ ކަންކަން ކުރުމަށްވެސް ދަތިވެފައި ކަމަށާއި އެތައް ބައެއްގެ ވަޒީފާތައް ގެއްލި އާއިލާތައް ބިކަވެފައި ވާ ކަމަށެވެ. އެހެންކަމުން މީސްތަކުންގެ ފުރާނަ ރައްކާކުރުމަކީ މާ އައުލާކަންބޮޑު ކަމެއް ކަމަށާއި ހައްޖަށް ދިއުމަކީ ކުޅަދާނަކަން ލިބިގެންވާ މީހާއަށް އޮތް ކަމެއް ކަމަށެވެ. އަދި ކުޅަދާނަކަން ނެތް ނަމަ، ހައްޖަށް ނުދިއުމަކުން ފާފަވެރި ނުވާނެ ކަމަށެވެ.

"އެހެންކަމުން އަޅުގަނޑު ދަންނަވާނީ އިސްލާމީ ޝަރުއީ މަގުސަދުތަކުގެ އަލީގައި، މިހާރު މިއޮތް ދަތި ހާލަތުގައި ޕެންޝަން ފަންޑުން ގާނޫނީ އުސޫލެއްގެ ދަށުން އެހީވުމަކީ ބޭނުންތެރިކަމެއްކަމަށް. މާ އައުލާވެގެންވާ ކަމެއްކަމަށް. ޕެންޝަން ފަންޑުގައި ހުރީ އެ ރައްޔިތުންގެ ހައްގެއް. އަޅުގަނޑަށް ފެންނަ ގޮތުގައި އަޅުކަމަކަށް ހަރަދުކުރެވޭ ފަދައިން ސަލާމަތުން ހެޔޮ ހަލުގައި، އަދި އިންސާނާއަށް ބޭނުންވާ އެންމެ ޒަރޫރީ ކަންކަން ފުއްދުމަށާއި ސަލާމަތުން ދިރިތިބުމަށާއި ބަލި މަޑުކަމުގެ ހާލަތުގައި ކަންކަން ނިޔާކުރާގޮތުން ހަރަދުކުރެވެން ޖެހޭ." ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ ރައްޔިތުންގެ ފައިސާ ހުރެމެ، އިތުރު ދަރަނިވެރިކަމެއްގެ ތެރެއަށް ރައްޔިތުން ވެއްޓެން ދޫކޮށްލުމަކީ ވެސް އެމަނިކުފާނުގެ ނަޒަރުގައި އަދުލުވެރިގޮތެއް ނޫން ކަމަށެވެ. އަދި މިހުރިހާކަމެއް ވެސް ގާނޫނީ ގޮތުން ކުރާނަމަ، ކުރެވެން ވާނީ މުޅި ދައުލަތަށް އާންމުވެގެންވާ ގެއްލުމެއް ކުރިމަތިނުވާނޭ ގޮތެއްގެ މަތިންކަމަށެވެ.

ދައުލަތުން ކަނޑައެޅި އުސޫލެއްގެ ދަށުން ޕެންޝަން ފަންޑުން ހައްޖަށް ދިއުމަށް ވެސް ވަކި ވަރެއް ބޭނުން ކުރުން ގާނޫނުގެ ދަށުން ހުއްދަކުރި ކަމަށާއި އެހެންކަމުން މިހާރުވެސް އެފަދަ ގޮތަކަށް އެފައިސާ ރައްޔިތުންނަށް މިދަނޑިވަޅުގައި ބޭނުން ކުރެވޭނެ އުސޫލެއް ވަރަށް މުހިންމު ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވެފައި މިވަނީ ކޮވިޑް 19 އާ ގުޅިގެން ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ވަޒީފާ ގެއްލި ދިރިއުޅުމަށް ބޭނުންވާ އެންމެ ޒަރޫރީ ކަންކަން ކުރުމަށްވެސް ދަތިވެ ފެންޝަން ފަންޑުން ފައިސާ ދޫކޮށްދިނުމަށް އެދި އެތައް ރައްޔިތުންނެއް އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވާތީ އެވެ.