އަލީ ޔާމިން
އިއްޔެ ފުވައްމުލަކުގައި ކުއްލި ގޮތަކަށް މަރުވި ބަންގްލަދޭޝްގެ ރައްޔިތަކު ކޮވިޑް 19 ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ މީހުން ވަޅުލާ އުސޫލުން މިއަދު ވަޅުލައިފިއެވެ.
ފުވައްމުލަކު ސިޓީ ކައުންސިިލުން މިއަދު ބުނީ އެމީހާ ވަޅުލީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ އިރުޝާދާ އެއްގޮތަށް، ކޮވިޑް 19 ޖެހިފައިވާ މީހުންނާއި އެ ބައްޔަށް ޝައްކު ކުރެވޭ މީހުން ވަޅުލުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.
އެމީހާ ވަޅުލާފައިވަނީ ޓެސްޓު ކުރުމަށް ސާމްޕަލް ނަގައިފައި ކަމަށާއި ނަމަވެސް ސާމްޕަލްގެ ނަތީޖާ އަދި ނުލިބޭ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެއެވެ.
މަރުވި މީހާގެ ޖަނާޒާގެ ކަންކަން ކުރިއަށްގެންދިޔައީ ފުވައްމުލަކު ސިޓީ ކައުންސިލުގެ މުވައްޒަފުން ކަމަށާއި އެމީހުން ތިބީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.
މީގެ އިތުރުން ސިޓީ ކައުންސިލުން ބުނީ، އެ ބަންގްލަދޭޝް މީހާއާ ސީދާ ކޮންޓެކްޓުވި ފަރާތްތަކުގެ ސާމްޕަލް ނަގައި ޓެސްޓު ކުރަން މިހާރު ފޮނުވާފައިވާ ކަމަށެވެ.
ރާއްޖޭގައި 1000 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު އޭގެ ތެރެއިން ހަތަރު މީހަކު ވަނީ މިބަލީގައި މަރުވެފައެވެ.