ޚަބަރު

މުދާ ވިއްކަން ފުލުހުން މެދުވެރިކޮށް ދޫކުރާ ހުއްދަ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފި

މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މުއްދަތުގައި ޒަރޫރީ ބޭނުންތަކަށް މުދާ ވިއްކާ ފަރާތްތަކަށް ފުލުހުން މެދުވެރިކޮށް ދޫކުރަމުން އަންނަ ހުއްދަ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

މާލެއިން ކޮވިޑް ޖެހިފައިވާ މީހަކު މިދިޔަ މަހުގެ 15 ވަނަ ދުވަހު ފެނި، މާލެ ތެރޭގައި ބަލި ފެތުރެމުން އަންނާތީ މާލެ، ވިލިމާލެ އަދި ހުޅުމާލެ ލޮކްޑައުން ކޮށްފައި އޮންނަތާ މިއަދަށް މަހެއް ވަނީ ވެފައެވެ. އަދި މި މުއްދަތުގައި ޒަރޫރީ ތަކެތި ވިއްކޭނީ ފުލުހުން މެދުވެރިކޮށް ހާއްސަ ހުއްދައެއް ހޯދައިގެންނެވެ.

ނަމަވެސް އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ގޭބިސީތަކުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާ މުއްދަތުގައި ފުލުހުން މެދުވެރިކޮށް ޒަރޫރީ ބޭނުންތަކަށް މުދާ ވިއްކާ ފަރާތްތަކަށް ހުއްދަ ދޫކުރުން މިމަހުގެ 28ގެ ނިޔަލަށް ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

ނަމަވެސް އެ މުއްދަތުގެ ތެރޭގައި މާލެ ޕޯޓުގައި މުދާ ކްލިއާކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑުން ކަނޑައަޅާ ބަޔަކަށް ހުއްދަ ދޫކުރެވޭނެ ކަމަށް އިއުލާނުގައިވެ އެވެ.

މާލެ ސަރަހައްދަށް މިފަހުން އިއުލާންކުރި ލޮކްޑައުންގެ މުއްދަތު ހަމަވާނީ މިމަހުގެ 28 ވަނަ ދުވަހަށެވެ.

ކުރިއަށް އޮތް ދެ ހަފުތާގައި ރާއްޖޭގައި ގިނަ އަދަދެއްގެ މީހުންނަށް ބަލި ޖެހޭނެ ކަމަށް ލަފާކޮށްފައިވާތީ ފުލުހުން ވެސް ވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް އަޅަމުންނެވެ.

އެގޮތުން މީގެ ކުރިން ބާޒާރުކުރުމަށް ކޮންމެ ތިން ދުވަހަކުން އެއް ދުވަހު ކޮންމެ ގެއަކުން ކޮންމެވެސް އެކަކަށް ފުލުހުން ދެމުން އަންނަ ހުއްދަތަކަށް ބަދަލު ގެނެސް، ހަފްތާއަކު އެއް ދުވަހު ދެވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އޭގެ އިތުރުން ރެއިން ފެށިގެން ކޮންމެ ދުވަހަކު، ދަންވަރު 1:00 އިން ފެށިގެން ހެނދުނު 9:00 އަށް ސިނަމާލެ ބުރިޖުން އާންމުންނަށް ދަތުރުފަތުރު ނުކުރެވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އެ ފިޔަވަޅު އަޅާފައިވަނީ ދެ ހަފުތާގެ މުއްދަތަށެވެ.