ރައީސް އޮފީސް

މި މަހުގެ 28 ގެ ނިޔަލަށް ސަރުކާރު ބަންދުކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

މި މަހުގެ 28 ގެ ނިޔަލަށް ސަރުކާރު ބަންދުކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި އެވެ.

ރައީސް އޮފީހުން މިއަދު އާންމު ކުރި ގޮތުގައި މި ނިންމުމަކީ ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން ލޮކްޑައުން މުއްދަތު އިތުރު ކުރުމުން އެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.

މި މުއްދަތުގެ ތެރޭގައި ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިބެގެން ކުރައްވަމުން ގެންދެވުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހާ ހިދުމަތްތަކެއް އޮންލައިންކޮށް ދެއްވަމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި މުއްދަތުގެ ތެރޭގައިވެސް އެ އޮފީހުގެ ނަންބަރު 11/2020 (17 އެޕްރީލް 2020) ދެންނެވުމާއި، ނަންބަރު 12/2020 (21 އެޕްރީލް 2020) ދެންނެވުމުގައި ދަންނަވައިފައިވާ ގޮތުގެ މަތިން އަމަލުކުރައްވަމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމަށާއި އަދި ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ގޮތަށް ހަމަޖައްސަވައިފައިވާ މި ދުވަސްތަކުގެ ތެރޭގައި އަންނަ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ނޫންކަމުގައި ރައީސް ވަނީ ނިންމަވައިފަ އެވެ.

ކޮވިޑް 19 އާއި ގުޅިގެން އެންމެ ފުރަތަމަ ސަރުކާރު ބަންދު ކޮށްފައިވަނީ މާޗް 19އިން 26 އަށެވެ. އޭގެ ފަހުން ރާއްޖޭގައި ކޮވިޑް 19ގެ ހާލަތު ހުރި ގޮތުން ސަރުކާރު ބަންދުކޮށްފައިވާ މުއްދަތު ވަނީ އިތުރު ކޮށްފައެވެ.