ޚަބަރު

ވެސްޓް ޕާކު ސަރަހައްދު ތޮށިގަނޑަށް ދޯންޏެއް އަރައި ދޯނީގައި ހުރި ތަކެތި އޮޔާ ދަނީ، ދަތުރުކުރުމުގައި ސަމާލުވޭ!

މަރިޔަމް ޝަހުދާ

މާލެ ސިޓީ ވެސްޓް ޕާކު ސަރަހައްދު ތޮށިގަނޑަށް ދޯންޏެއް އެރުމުގެ ސަބަބުން އެ ދޯނީގައި ހުރި ތަކެތި އޮޔާ ދާތީވެ އެ ސަރަހައްދުން ދަތުރު ކުރާއިރު އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި މި ދޯންޏަކީ ހަތަރު މީހުންނާއެކު ކ. ކާށިދޫއިން މާލެއަށް ދަތުރުކުރި ދޯންޏެކެވެ. އަދި ދޯނީގައި ތިބި މީހުން ސަލާމަތުން އެއްގަމަށް އަރާފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މީގެ އިތުރުން މި ދޯނި ތޮށިގަނޑަށް އެރިކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު 13:00 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި އެ ދޯނި ތޮށިގަނޑަށް އަރާފައިވަނީ ދޯނީގެ އިންޖީނު ހުއްޓިގެންނެވެ. އަދި އެކަމާ ގުޅިގެން އެމްއެންޑީއެފްގެ ކޯސްޓު ގާޑުން އެހީތެރިކަން ފޯރުކޮށްދިން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި "މިންވަރު" ނަމަކަށް ކިޔާ މި ދޯންޏަކީ ކާށިދޫއިން މާލެއަށް މުދާ ގެނައި ދޯންޏެކެވެ. އަދި މި ދޯނިން ގެނައި ގިނަ އަދަދެއްގެ ތަކެތި، އޮއިގަދަވުމުގެ ސަބަބުން އޮޔާ ދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދިނެވެ. އަދި މިކަމާ ގުޅިގެން އެ ސަރަހައްދުން ދަތުރު ކުރާ އުޅަނދުތައް އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

އެ ހިސާބުގައި އޮއިގަދަވުމުގެ ސަބަބުން ދޯނި ރާޅާ ތެޅި، ހަލާކުވެފައިވާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދިނެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފައިވެއެވެ. އަދި ކަނޑުމަތީގައި އެއްވެސް ހާދިސާއެއް ހިނގައިފި ނަމަ 191 އަށް ގުޅައި އެ މައުލޫމާތު ހިއްސާ ކުރުމަށް އެމްއެންޑީއެފުން އެދެއެވެ.