ގައުމީ ވެކްސިން ތައާވަލަށް ޑީޕީޓީ ބޫސްޓަރ ވެކްސިން ތައާރަފް ކޮށްފިއެވެ.
ޑީޕީޓީ ބޫސްޓަރ ވެކްސިން ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ޒުހައިރުއެވެ.
ޑީޕީޓީ ބޫސްޓަރ ވެކްސިން އަކީ ކަރުފޮޅު ބައްޔާއި ހޯގޮވާ ކެއްސުމުގެ އިތުރުން އިދިފުށަށް ދަމާ ބަލިން ރައްކާތެރިވުމުގެ ގޮތުން ދެވޭ ކޮމްބައިން ވެކްސިނެކެވެ.
މިރަސްމިއްޔަތުގައި ޑީޕީޓީ ބޫސްޓަރ ވެކްސިންއާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ޑރ ނަޒްލާ މުސްތަފާ ވިދާޅުވީ މިވެކްސިންއަކީ ހަތަރު އަހަރު ފުރޭ ކުދިންނަށް ދެވޭ ވެކްސިނެއް ކަމަށާއި މިއީ ކުރިން ވެސް ދެމުން އަންނަ ވެކްސިން ތަކެއް ކަމަށެވެ. ނަމަވެސް ޑީޕީޓީ ބޫސްޓަރ ވެކްސިން އަކީ ކުރިން ޖަހާފައިވާ ވެކްސިން ތަކެއްގެ ކޮމްބައިން ވެކްސިނެއް ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.
މިވެކްސިން އިން ރައްކާތެރިކޮށްދޭ ބަލިތަކުގެ ތެރޭގައި ކަރުފޮޅު ބައްޔާއި ހޯގޮވާ ކެއްސުމުގެ އިތުރުން އިދިފުށަށް ދަމާބަލި ހިމެނެއެވެ.
ކަރުފޮޅު ބައްޔަކީ ނުރައްކާތެރި ބައްޔެކެވެ ހާއްސަކޮށް ކުޑަކުދިންނަށް މި ބަލި ޖެހުމަށްފަހު ކަރު ދުޅަވެ ނޭވާލުމަށް އުނދަގޫވެ އަަދި މިބަލީގެ ޖަރާސީމު ހަށިގަނޑު ތެރެއަށް ފެތުރިއްޖެ ނަމަ ފުރާނައަށް ވެސް ނުރައްކާ ވެއެވެ.
ހޯގޮވާ ކެއްސުމަކީވެސް ނުރައްކާތެރި ބައްޔެކެވެ. މިބަލީގެ ސަބަބުން ގަދަޔަށް ކެއްސުމުގެ އިތުރުން ނޭވާލުމަށް އުނދަގޫވެ ފުރާނައަށްވެސް ނުރައްކާވާވަރުގެ ނުރައްކަލާ ކުރިމަތި ވެއެވެ.
އިދިފުށަށް ދަމާބަލީގެ ޖަރާސީމުގެ އަސަރުކުރުމުން މީހާގެ މަސްތަކުގެ ބާރު ދަށްވެ ކޮންޓްރޯލް ގެއްލިގެން ދެއެވެ. އަދި މިބަލީގެ ސަބަބުން ކަށި ބިންދައިގެންވެސް ދެއެވެ.