މިދުވަސްވަރު މިދަނީ، ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ކަމަށާއި މިދުވަސްވަރު، ލައިލަތުލް ގަދްރި ވިލޭރޭގެ ސަވާބާއި ދަރުމަ ހޯދުމަށް ވީހާ ވެސް ގިނައިން އަޅުކަމުގައި ހޭދަކުރަން މިއަދުގެ ހުކުރު ހުތުބާގައި އިލްތިމާސްކޮށްފިއެވެ.
ހުތުބާގައި ބުނެފައިވަނީ، ރަމަޟާންމަހުގައި ހިމެނޭ އެންމެ މަތިވެރި ނިއުމަތަކީ، ލައިލަތުލްގަދްރި ވިލޭރޭ ކަމަށެވެ. އެ ރެއަކީ، އެއްހާސް މައްސަރަށްވުރެ ހެޔޮކަންބޮޑު މައްސަރެއް ކަމަށްވެސް ބުނެފައި ވެއެވެ.
"މިމަހުގައިވާ އެންމެ މަތިވެރި ނިއުމަތަކީ އެ މަހުގައި ލައިލަތުލްގަދުރި ވިލޭރޭ އެމައްސަރުގައި ހިމެނިފައިވުން، އެރެޔަކީ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއް، ތަފްސީރު އިލްމުވެރިން ބަޔާކުރާގޮތުން އެރެޔައީީކުރިޔަށް އޮންނަ އަހަރަށް ﷲ ދުނިޔޭގެ ކަން ކަނޑައަޅުއްވާ ރޭ، އެހެންކަމުން އެރެޔަށް ލައިލަތުން ގަދްރި މިނަން ދެވިފައިވޭ، ހަމައެއާއެކު އެރެޔަކީ ގުރުއާން ބާވައިލެއްވުނު މަތިވެރި ރޭވެސްމެ،" ހުތުބާގައި ވެއެވެ.
ހުތުބާގައި ވަނީ އެ ރެޔަކީ 27 ވިލޭރޭ ކަމަށް ބައެއް އިލްމުވެރި ވިދާޅުވި ނަމަވެސް މާތް ﷲ އެރޭ ސިއްރު ކުރައްވާފައި ވަނީ ވަރަށް ގިނަ ހިކުމަތް ތަކަކަށް ޓަކައިކަމަށެވެ. އޭގެ ތެރޭގައި އަޅުތަކުން ގިނަގިނައިން ﷲގެ ހަޒުރަތަށް ދުއާ ކުރުމާއި، ގިނަގިނައިން އަޅުކަން ކުރުމަށް ހިތްވަރު ދެއްވުމާއި އެކަމަށް ޝައުގުވެރިކުރުވުން ހިމެނޭ ކަމަށްވެސް ބުނެފައި ވެއެވެ. އެއީ އެކަމުގެސަބަބުން ފާފަތައް ފުހެވި، ދަރަޖަ މަތިވެރިވުން ހިމެނިގެންވާ ކަމަށް ޓަކައި ކަމަށްވެސް ހުތުބާގައި ވެއެވެ.
ހުތުބާގައި އިތުރަށް ބުނެފައިވަނީ، ރަމަޟާން މަހަށް އަލްވަދާއު ކިޔާއިރު، ރަމަޟާންމަހުގެ ރޯދަ ހިފުމާ ގުޅިގެން މުސްލިމުންގެ މައްޗަށް މާތް ﷲ ފިތުރު ޒަކާތް ދެއްކުން ވާޖިބު ކުރައްވާފައިވާ ކަމަށެވެ.
ތިމާއާއި، ތިމާ ހަރަދު ދެމުން އަންނަ ބަޔަކު އީދުވިލޭރެޔާއި އީދު ދުވަހު ކެއުމަށް ފުދޭވަރަށް ހުރެފައި، އިތުރަށް ހުރި އެއްޗަކުން ފިތުރު ޒަކާތް ނެރުން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވާކަން ހުތުބާގައި ހަނދާންކޮށްދީފައި ވެއެވެ.
އެހެންކަމުން އީދު ނަމާދުގެ ކުރިން ޒަކާތް ނެރުމަށްވެސް ހުތުބާގައި ހަނދާންކޮށްދީފައި ވެއެވެ.