ޚަބަރު

އައްޑޫ އާއި ލާމުގައި ތިބި ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް ބޭނުންވާ ސާމާނު ބީއެމްއެލުން ގެންގޮސްފި

އައިދާ އަބްދުލް ހަކީމް

އައްޑޫ ސިޓީ އާއި ލ. އަތޮޅުގައި ތިބި ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް ބޭނުންވާ ސާމާނު އެބޭނުން އެ އަތޮޅުތަކަށް ފޮނޮވައިފިއެވެ.

ބީއެމްއެލުން ބުނީ ކޮވިޑް 19އާ ގުޅިގެން ދިމާވެފައިވާ ދަތި ވަގުތުގައި އެ ބޭންކުގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ދަތި ނުވެ ދިނުމަށްޓަކައި އެ ބޭންކުގެ އައްޑޫ އަދި ލާމުގައި ހުރި ބްރާންޗުތަކަށް ބޭނުންވާ ކާޑާއި ޕިން، އޭޓީއެމްއަށް ބޭނުންވާ ސްޕެއާޕާޓްސްގެ އިތުރުން ކޮވިޑް 19 އިން ރައްކާތެރިވުމަށް އަޅާ ޕީޕީއީ އެ ބްރާންޗުތަކަށް ފޯރުކޮށްދީފައިވާ ކަމަށެވެ. މިތަކެތި ގެންގޮސްފައިވަނީ ޗާޓަރު ފްލައިޓެއްގައި ކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ.

ކޮވިޑް 19ގެ މި ދަތި ދަނޑިވަޅުގައި ވެސް ރައްޔިތުންނަށް ދަތިނުވެ ހިދުމަތް ދިނުމުގައި އަވަދިނެތި ބުރަ މަސައްކަތްތަކެއް އެ ބޭންކުގެ މުވައްޒަފުން ކުރަމުން އަންނަ ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ހިދުމަތް ހޯދަމުން އަންނަ ފަރާތްތަކަށް ހިދުމަތް ދިނުމުގައި އެ ބޭންކުން ދެމިތިބޭނެ ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލުން ވަނީ ރާއްޖެއަށް ލޮކްޑައުން އިއުލާނުކުރުމާއެކު އެބޭންކުގެ ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދީފައެވެ. އެގޮތުން އެންމެންގެ ރައްކާތެރިކަމަށްޓަކައި ލޮކްޑައުންގެ މުއްދަތުގައި ބުރާންޗުތަކާއި ސާވިސް ސެންޓަރުތައް ބަންދުކުރުމުން ގޭގައި ތިބެގެން އޮންލައިންކޮށް ހިދުމަތް ހޯދުމަށް އެ ބޭންކުން ވަނީ އެދިފައެވެ.