މިއަދު މާލެ ސިޓީއަށް ކުރި ވިއްސާރައިގައި ބައެއް ސަރަހައްދު ތަކުން ވެރުނު ގަސްތައް ނެގުމުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ ސިފައިން ހަރަކާތްތެރި ވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ މިއަދު ކުރި ވިއްސާރައިގައި ގަސްތައް ވެރުނު ސަރަހައްދުތަކުގެ ތެރޭގައި ހެންވޭރު ސަހަރާ ކައިރި އާއި މާވެޔޮމަގާއި، ވީއޯއެމް އާއި ކޮއްތުހަޓު ސަރަހައްދާއި، ވިލިމާލެ ފެރީޓާމިނަލް ސަރަހައްދު ހިމެނޭ ކަމަށެވެ.
މީގެ އިތުރުން ވައިގަދަވެ ފުރާޅު ހަލާކުވި ބައެއް އިމާރާތްތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެގޮތުން ފުރާޅު ހަލާކުވެފައިވާ ތަންތަނުގެ ތެރޭގައި އެސްޓީއޯގެ ފުށް ގުދަނަކާއި ގ. ސައްލިގެ ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރިޔަށް އޮތް ފަސްދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލިޖީ ސެންޓަރު (މެޓް) އިން ވަނީ ބުނެފައެވެ.
މި ވިއްސާރާގައި ކުރިޔަށް އޮތް ފަސް ދުވަހު ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުމުގެ އިތުރުން ދެކުނާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ވައިގަދަވެ ކަނޑުވެސް އާންމުގޮތެއްގައި ގަދާވާނެކަމަށް މެޓުން ބުނެއެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ބުނެފައެވެ. ވީމާ އާންމުކޮށް ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.