ޚަބަރު

ބްރިޖު ހުރަސްކުރަން ޖެހޭ މުވައްޒަފުންގެ މައުލޫމާތު ފޮނުއްވުމުން ވެރިފައި ކުރުމަށްފަހު ހުއްދަ ދެވޭނެ: ފައިރޫޝް

އައިދާ އަބްދުލް ހަކީމް

ރަަސްމީ މަސައްކަތެއް ކުރެއްވުމަށް އެއާޕޯޓަށް ދިއުމަށް ސިނަމާލެ ބްރިޖު ހުރަސްކުރަން ޖެހޭ މުވައްޒަފުންނަށް ބޭނުންވާ ހުއްދަ ހަމަޖައްސަން އެދޭ އިދާރާތަކުން އެމުއްޒަފުންގެ މައުލޫމާތު ފޮނުއްވުމުން ވެރިފައިކުރުމަށްފަހު ހުއްދަ ލިބޭނެ ކަމަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް މިއަދު ވިދާޅުވެއްޖެ އެވެ. އެ ހުއްދަ ހޯދަން ބޭނުންވާ މީހުން [email protected] އަށް މައުލޫމާތު ފޮނުވުމަށް ވަނީ އެދިފައެވެ.

ކޮވިޑް 19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން ރެއިން ފެށިގެން ކޮންމެ ދުވަހަކު، ދަންވަރު 1:00 އިން ފެށިގެން ހެނދުނު 9:00 އަށް ސިނަމާލެ ބުރިޖުން އާންމުންނަށް ދަތުރު ފަތުރު ނުކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ފުލުހުން އިއްޔެ ބުނީ، މާލެއިން ހުޅުމާލެއާ ދެމެދު ދަތުރުފަތުރު ކުރުމަށް އަޅާފައިވާ ބުރިޖު ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، ދަންވަރު 1:00 އިން ފެށިގެން ހެނދުނު 9:00 އާ ދެމެދު ދަތުރު ނުކުރެވޭ ގޮތަށް ހަމަަޖއްސާފައި ވަނީ ދެ ހަފުތާގެ މުއްދަތަަކަށް ކަމަށެވެ.

ފުލުހުން ބުނީ އެ ވަގުތު ތަކުގައި ބުރިޖުން ދަތުރު ކުރެވޭނީ ކޮވިޑް 19 އާ ގުޅިގެން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އާންމު ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި ސަލާމަތީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ކަމަށެވެ.

ކޮވިޑް 19 އާ ގުޅިގެން މާލެ ސަރަހައްދަށް އިއުލާނު ކުރި ދެވަނަ ލޮކްޑައުންގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު އެ މުއްދަތު ވަނީ 14 ދުވަހަށް އިތުރުކޮށްފައެވެ. ކުރިޔަށް އޮތް ހަފްތާގައި ކޮވިޑް އިތުރަށް ފެތުރިގެން ގޮސްދާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.