ޚަބަރު

ޅ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފި

މުހައްމަދު އައުޒަމް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ޅ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން އެ ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ ފަތިހު 5:00 އިން ފެށިގެން ހެނދުނު 8:00 އަށެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި އެ ސަރަހައްދުތަކަށް ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދު އާންމު ވައި ހުންނާނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިދަވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެއެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރިޔަށް އޮތް ފަސްދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. "ވަން" އަށް މައުލޫމާތުދެއްވަމުން މެޓް އޮފީހުގެ އެސިސްޓަންޓް މީޓިއޮރޮލޮޖިސްޓް އަބްދުﷲ ހާފިޒް ވިދާޅުވީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ހުޅަނގު މޫސުން ފެށިފައިވާ ކަމަށެވެ.

މި ވިއްސާރައިގައި ކުރިޔަށް އޮތް ފަސް ދުވަހު ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުމުގެ އިތުރުން ދެކުނާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ވައިގަދަވެ ކަނޑުވެސް އާންމުގޮތެއްގައި ގަދާވާނެކަމަށް މެޓުން ބުނެއެވެ. މެޓުން ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ. ވީމާ އާންމުކޮށް ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.