އައްޑޫ ސިޓީ

ކެޔޮނިރު: އައްޑޫ ސިޓީގެ ރައްޔިތުންނަށް ހައްގު މިންވަރު!

މުހައްމަދު ބުޝްރީ

7

ރައީސް ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ނިންމަން ކަނޑައަޅާފައިވާ މަސައްކަތްތަކުގެ ތެރެއިން އައްޑޫސިޓީއަށް ކަނޑައެޅިފައިވާ ހަމައެކަނި ކަމަކީ ހިތަދޫ ބޮޑު ދިދަ ދަނޑި އަލުން ޖަހައި، އެދިމާލުގައި ހުންނަ ސްޓޭޓް ހައުސް ފުލުހުންގެ ބެލުމުގެ ދަށުން އަތުލައި އެ ސްޓޭޓް ހައުސް އަކީ ދައުލަތުގެ ވެރިން އައްޑޫއަށް ޒިޔާރަތްކުރައްވާއިރު ތިއްބަވާ ތަނުގެ ގޮތުގައި މަރާމާތުކޮށް ހަމަޖެއްސުމެވެ. އައްޑޫ މީހުން އެމް.ޑީ.ޕީ އަށް މަރުދީގެން ރައީސް ނަޝީދަށް ވަލީވެރިއެއްގެ ލަގަބުދީގެން އުޅުމުން ލިބުނު ތަރައްޤީގެ ފުރަތަމަ ހަދިޔާ އަކީ މިއީއެވެ. މިކަމުން އައްޑޫ ރައްޔިތުންނަށް ހުރީ ކޮން ފައިދާއެއް ބާވައެވެ؟

ސަރުކާރުގެ ވެރީން، ހާއްސަކޮށް ރައީސް ނަޝީދު އައްޑޫ އަށް ކުރައްވާ ދަތުރުފުޅު ތަކުގައި "އައްޑޫ ރަދުން" ހެއްދެވިފައި މިދެންނެވި ސްޓޭޓް ހައުސްގައި ހުންނެވުން ފިޔަވައި މި "ތަރައްޤީ"އިން އައްޑޫ ރައްޔިތުންނަށް ލިބޭނެ ކުރިއެރުމެއް ނެތެވެ. އޭގެ ބަދަލުގައި 100 ދުވަސްތެރޭ އައްޑޫ ސިޓީން އެންމެ މަގެއްގައި ތާރު އަޅާލަ ދިނަސް ރައްޔިތުނަނަށް މާރަނގަޅެވެ.

އައްޑޫސިޓީ އަކީ ހުރިހާ ސަރުކާރުތަކުންވެސް ތަރައްޤީގެ މާ ބޮޑެތި ކަންތައްތަކެއް ކޮށްދޭ ތަނެއްގެ ގޮތުގައި މަޝްހޫރުވެފައި އޮތަސް ހަގީގަތަކީ އެއަތޮޅުގެ ވަސީލަތްތަކަށް ބަލާއިރު އެއަތޮޅަކީ ހުރިހާ ސަރުކާރުތަކުންވެސް ބާކީކޮށްލާފައި އޮތް އަތޮޅެއްކަމެވެ. ހާއްސަކޮށް ރައީސް މައުމޫނުގެ 30 އަހަރުގެ ދިގު ވެރިކަމުގައި އެމަނިކުފާނުންގެ ކޮއްކޯފުޅު އަބްދުﷲ ހަމީދު އެޓޯލްސް މިނިސްޓަރަކަށް ބަހައްޓަވައިގެން ރައީސް މައުމޫނު ކުރެއްވެވި ކަމަކީ އައްޑޫ ރައްޔިތުން ލޮލުގައި އަނދުން އަޅުއްވައިގެން "އައްޑޫ ޑިވެލޮޕްމެންޓް އޮތޯރީޓީ" އޭ ކިޔައިގެން ނަމެއްގަ އިދާރާއެއް ހައްދަވައިގެން ޑްރާމާއެއް ކުޅުއްވުމެވެ.

އައްޑުސިޓިއަށް ލިބެން އޮތް ކުރިއެރުމަށް ހުރަސް އަޅުއްވައި އައްޑޫސިޓީ ބިކަކޮށްލެއްވުމުގެ އެންމެ ބޮޑު ޒިއްމާއެއް ނަންގަވަން ޖެހޭ ބޭފުޅަކީ ސިދާ ރައީސް މައުމޫނެވެ. ތިރީސް އަހަރަކީ ގާތްގަނޑަކަށް އެއް ޖީލުގެ ދިގުމިނެވެ. އައްޑޫގެ އެއް ޖީލު އެއްކޮށް ބޭކާރު ކޮށްލެއްވީ ރައީސް މައުމޫނެވެ. މިއީ އައްޑު ރައްޔިތުން ހެކިވާނެ ހަޤީގަތެކެވެ.

ރައީސް މައުމޫނުގެ ދިގު 30 އަހަރުގެ ވެރިކަމަށް ފަހު 2008 ވަނަ އަހަރު މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެން އައްޑޫސިޓީއަށް މާބޮޑު ކަންތައްތަކެއް ކޮށްދެއްވިކަމަށް އައްޑޫގެ ގިނަ ރައްޔިތަކު ދުށްކަމުގައި ވިއަސް އެއީ، ގިނަ ބަޔަކު ވިސްނާނުލައި ޖަޒުބާތުގައި ޖެހިގެން ދައްކާ ވާހަކައެއް ކަމަށް އަޅުގަނޑު ޤަބޫލު ކުރަމެވެ. ސަބަބު ވެސް ދަންނަވައިލާނަމެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި އައްޑޫސިޓީއަށް ކޮށްދެއްވިހާވެސް ކަމަކީ، ސާރކް ސަމިޓް ބޭއްވުމަށް، އައްޑު ހިތަދޫ ޗަސް ބިން ހިއްކައިގެން ކޮންވެންޝަން ސެންޓަރެއް ނުވަތަ ޖަލްސާކުރާ ދަރުބާރު ގެއެއް އެޅުއްވުމާއި، ސާކުސަމިޓާ ދިމާކޮށް އަވަސް އަރުވާލައިގެން ހިތަދޫގެ ބޮޑު މަގުގައި ތާރުއެޅުއްވުމާއި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް ބޭރުގެ ކުންފުންޏެއް ކަމުގައިވާ "ބައި ވޯޓަރ"އާ ހަވާލުކޮށްގެން ކުރި ހޮޅިވަޅުލުމުގެ މަސައްކަތެވެ.

މީގެތެރެއިން ބައިވޯޓަރއާ ހަވާލުކޮށްގެން ކުރި އެއްވެސް މަސައްކަތެއް ނުނިމެއެވެ. އަދި އެކަންތައްތައް ގޮސްފައިވަނީ އެތައް މިލިއަން ޑޮލަރެއްގެ ބޮޑު ކޮރަޕްޝަނުގެ ގޮތުގައެވެ. އެކަމުން އައްޑޫ ސިޓީ އަށް ވެސް އަދި ދިވެހި ދައުލަތަށްވެސް ވީ ފައިދާއެއް ނެތެވެ. ވީ ހުސް ގެއްލުމެވެ. އެތައް މިލިއަން ޑޮލަރުގެ ގެއްލުމެވެ. ހިތަދޫގެ ބޮޑު މަގުގައި އަވސް އަރުވާލައިގެން ތާރު އެޅިއިރު ތާރުގަނޑުގެ މަތިން ފަށަލައެއް އަޅާފައި ނުވާތީ އެމަގުގެ ތާރުގަނޑު އިސާހިތަކު ހަލާކުވެ އެމަގަކީ މިހާރު މުޅި ރާއްޖޭގައިވެސް ތާރުއަޅާފައި އޮތް އެންމެ ހަޑި، ބޭނުންކުރަން އުނދަގޫ މަގެވެ. އެމަގުގައި ތާރު އަޅަން ވެގެން މަގުގެ މެދުގައި ހުރި ހިޔާދޭ ބޮޑެތި ގަސްތައް އެއްވެސް ޕްލޭނެއް ނެތި ކަނޑައިލުމުން އައްޑޫ ހިތަދޫގެ ބޮޑުމަގަކީ ދުވާލުގަޑީގައި އިންތިހާއަށް ހުނުގަދަ، ހިރަފުސްބޯ މަގަކަށް ވަނީ ވެފައެވެ. މަގުގެ ދެފަރާތުގައިވާ ޕާކިންގް ސަރަހައްދުތަކުގައި ހިޔާދޭ ގަސް އިންދޭ ގޮތަށް ވަޅުގަނޑުތަކެއް ހެދިފައިވިއަސް އެތަންތަނުގައި ގަސް ނުއިންދާ އެ ވަޅުގަނޑުތައްމަތީ ވަނީ ގާއަތުރައި ފޮރުވާލައިފައެވެ. މިއީ އައްޑު ސިޓީ ކައުންސިލްގައި ފެށުނީއްސުރެ ތިއްބަވާ، ނަޝީދަށް ސަނާ ވިދާޅުވާ ކައުންސިލަރުންގެ ފަރުވާ ކުޑަ ކަމާއި ކަންނެތް ކަމުން ކަން ގޮސްފައިވާ ހިސާބެވެ.

ނަޝީދުގެ ވެރިކަމުގައި ސާރކް ސަމިޓް ބޭއްވުމަށް ހިތަދޫ ޗަސް ބިމުގައި އެޅި ކޮންވެންޝަން ސެންޓަރަކީ އިރެއްގައި ކިތައްމެ ޗާލު ތަނެއް ކަމުގައި ވިއަސް އެއީ އަތޮޅުގެ ހާލަތަށް ބަލާއިރު ބޭކާރު، އިސްރާފެކެވެ. އެ ދަރުބާރުގެ އަޅަން ހަރަދުވި ފައިސާއިން އައްޑޫސިޓީގެ ސިއްހީ ނިޒާމާއި މަގުތަކުގެ ނިޒާމް ތަރައްގީ ކުރި ނަމަ ދެމެހެއްޓެނިވި ގޮތެއްގައި އަތޮޅަށް މާބޮޑަށް ވެސް ފައިދާ ކުރީހެވެ. ކޮންވެންޝަން ސެންޓަރ އެޅުމުގެ މަސައްކަތް ކުރިއަށް ދިޔައީ އައްޑޫގެ އެމް.ޑީ.ޕީ ބައެއް ފަރާތްތަކާއި މާލޭގެ އެމް.ޑީ.ޕީ ބައެއް ބޮޑުންނަށް އެތައް މިލިއަން ރުފިޔާގެ ކަޓް އެޅިގެން ކޮރަޕްޝަނުގެ ބޮޑު އީދެއްގެ ގޮތުގައެވެ. ނަޝީދު އެޅުއްވި ބޭކާރު ދަރުބާރުގެ ވީރާނާވެ، ނަޝީދު އަވަސް އަރުވާލައިގެން ހެއްދެވި މަގު ވީރާނާވެ ހިނގައްޖެއެވެ. ފެނުގެ ނިޒާމު ތަރައްގީ ކުރުމުގެ ނަމުގައި ނަޝީދު ގެންނެވި "ބައި ވޯޓަރ"އަށް ވީއެއްޗެއް އެނގޭނީ އެމަސައްކަތާ ހަވާލުވެ ހުންނެވި އެމް.ޑީ.ޕީ ގެ "މެގަޗިޕް" ޒަރީރަށެވެ. އެއަކުން އައްޑޫ ރައްޔިތުނަނަށް ވީ ފައިދާ އެއް ނެތެވެ.

ވީމާ ނަޝީދަކީ އައްޑޫގެ ތަރައްގީގެ ބާނީ ކަމަށް ދޭހަވާ ގޮތަށް އައްޑޫގެ މޭޔަރ ސޯބެ އާއި އައްޑޫގެ މަޖުލިސް އެއް މެމެބަރ އަސްލަމް އާއި އައްޑޫގެ އެމް.ޑީ.ޕީ (އެއްވެސް އާދައިގެ ރައްޔިތަކާ ހަތަރުކަޅި ހަމަ ނުކުރައްވާ) ހުސެން ޝާހިދު ވިދާޅުވިއަސް އެއީ ހަޤީގަތެއް ނޫނެވެ. ނަމަވެސް ހިތާމައަކީ އައްޑޫސިޓީގެ ރައްޔިތުންގެ ގިނަ ބަޔަކަށް ވަނީ ފާޑެއްގެ ސިހުރެއް ޖެހިފައި ކަމެވެ. މާތްﷲ ނަގާފައި ތިމަންނާމެން ނަޝީދުއަށް ވުރެ ލޯބިވާ ފަރާތެއް ނެތްކަމަށް ބުނާ އައްޑޫ މީހުން ވެސް އެބަ އުޅެއެވެ. ރަސޫލުﷲ ގެ ނަންފުޅުވެސް އެފަދަ މީހުންގެ ދުލަކަށް، ހަނދާނަކަށް ނާދެއެވެ. އައޫޒުބިއްﷲ. މިހިރީ ރައީސް ނަޝީދުގެ "ކަލްޓް" އައްޑޫސިޓީގައި ހަރުލާފައި ހުރި ވަރެވެ.

މިވަރަށް މިކަން އޮތް އިރު ރައީސް ނަޝީދުގެ ޕާރޓީ، އެމް.ޑީ.ޕީ ވެރިކަމަށް އައިސް ފުރަތަމަ 100 ދުވަހުގެ ތަރައްގީގެ ލަނޑުދަނޑިތައް އިއުލާން ކުރިއިރު އައްޑޫސިޓީ އަށް މިލިބުނީ ނަޝީދު ރޭކުރައްވާނެ ސްޓޭޓް ހައުސްއެއް މަރާމާތުކޮށްލުމުގެ މަސައްކަތާއި ރައީސް ޔާމިނު އުފުރައިލެއްވި ބާ ދިދަދަނޑިއެއް އަލުން ޖަހާލުމުގެ މަސައްކަތެވެ. މިއީ އައްޑު ސިޓީއަށާއި އެ ސިޓީގެ ރައްޔިތުނަނަށް ހައްގު މިންވަރު ތޯ އެވެ؟ މި ސުވާލުގެ ޖަވާބަކީ ހަމަ އާނއެކޭ އެވެ! ފޫނެއް ފަޔަކަށް ފެންފުރި މީހާއަށް ހައްޤު މިންވަރަކީ ހަމަ ހަމައެކަނި އެ ފޫނެއް ފައެވެ. އޭނައަކަށް ފެނެއް ނުލިބޭނެއެވެ. މާމުއި ހަތައެއްގެ ވަށައިގެން މާބުރު އެނބުރޭހެން ނަޝީދުގެ ވަށައިގެން އައްޑޫގެ ގިނަ ބަޔަކު އެނބުރިގެން ފާއިތުވި 18 ވަރަކަށް އަހަރުތެރޭ ލިބުނު ކުރިއެރުމެއް ނެތެވެ.

ދުވަހަކުވެސް އައްޑޫސިޓީއަށް ޒިޔާރަތް ނުކުރާ ރައްޓެއްސަކު ދާދި ފަހުން އައްޑުއަށް ޒިޔާރަތް ކުރިއެވެ. މޯލްޑިވިއަންގެ މަތިންދާ ބޯޓުން ފައިބައިގެން އައިސް އޭނާ އެންމެ ފުރަތަމަވެސް ބުނީ ބޯޓު ޖައްސަން އަންނައިރު ވެސް ފެންނަނީ ދަބަރު ފުރާޅުތައް ކަމަށެވެ. ޓެކްސީގަ އެއާރޕޯރޓުން ހިތަދޫއަށް ދިޔަ މަގުމަތީގަ ރަހްމަތްތެރިޔާ ސުވާލު ކުރިއެވެ:

"މީތަ އެ މަޝްހޫރު ކުރާ ލިންކް ރޯޑަކީ؟ މިއަށް ވުރެ މާ ސަޅީ ލާމު އަތޮޅުގެ ދިގު ލިންކް ރޯޑް ވެސް."

ރަހްމަތްތެރިޔާ މީހަކު ދެކިލުމަށް ހިތަދޫ ހޮސްޕިޓަލަށް ގޮސްފަ ބުނީ އޭނަގެ އަތޮޅުގެ ހޮސްޕިޓަލްވެސް މިއަށްވުރެ ރަނގަޅު ކަމަށެވެ. ހިތަދޫ ހޮސްޕިޓަލަކީ ތޮށިގަނޑެކެވެ. ނަމަކަށް ހުރި ތަނެކެވެ. ބައްޔަކަށްވާ ކަހަލަ ބައްޔެއް ޖެހިއްޖެ ނަމަ ފަރުވާ އެއް ނުލިބެއެވެ. ވާރޭ ވެހިއްޖެ ނަމަ މަގުތަކުގައި ފުން ފެންގަނޑުތަކާއި ކިސަޑެވެ. އައްޑޫ ސިޓީގެ ގެސްޓް ހައުސް އަކަށް ބިދޭސީ ފަތުރުވެރިއަކު އަންނަނަމަ މޯލްޑިވިއަން އެއާރލައިންސްއިން އެ ފަތުރުވެރިޔާ ފުރަތަމަވެސް ކުރަނީ "ޖުރިމަނާ" އެވެ! ދިވެއްސަކަށް ދެކޮޅު ޓިކެޓް 3000 ރުފިޔާ ނަމަ ބިދޭސީ މީހާ އަތުން 6000 ރުފިޔާ އެވެ. މިއީ އައްޑޫގެ ގެސްޓް ހައުސްތަކަށް ފަތުރުވެރިން އައުން ހުއްޓުވުމަށް ކުރާ ޖުރިމަނާއެއް ނޫންނަމަ ދެން ކޮންއެއްޗެއްތޯއެވެ؟

މިއީ ސިޔާސީ ވެގެން އުޅޭ އައްޑޫގެ ހާލަތެވެ. ހުރިހާ ސަރުކާރަކުން ބާކީ ކޮށްފައިވާ އައްޑު އެވެ. ރާއްޖޭގެ އެހެން އަތޮޅުތަކުގެ މީހުން މިއީ މާ "ސަޅި" ތަނެއް ކަމަށް ހީކުރިއަސް އެއްވެސް ތަރައްގީއެއް ނައިސް ވީރާނާ ވަމުންދާ އަތޮޅެކެވެ. ރައީސް ނަޝީދު، އެމަނިކުފާނުގެ ސިޔާސީ ކުރިމަގު ބިނާކުރެއްވުމަށް އައްޑޫ ރައްޔިތުންގެ ބޭނުން ކިތައްމެހާވެސް ރަނގަޅަށް އެބަ ހިއްޕަވައެވެ. މި އަތޮޅާއި މިއަތޮޅުގެ ރައްޔިތުންނަށް ހައްޤު މިންވަރު ލިބޭނީ މި އަތޮޅުގެ ރައްޔިތުން އެ މިންވަރު ހޯދުމަށް ތެދުވި ދުވަހަކުންނެވެ. ސޯބެ އާއި އަސްލަމް އާއި ހުސެން ޝާހިދުގެ އަތްމައްޗަށް އަތޮޅުގެ ކުރިމަގު ދުކޮށްގެން ތިބިހާ ދުވަހަކު މި އަތޮޅުގެ ހާލަތު އޮންނާނީ ހަމަ މިގޮތަށެވެ. ކެޔޮގަނޑު ކަނޑާލީމަ ބޭނުމެއްނެތް ކެޔޮ ގަހެއްގެ ގޮތުގައެވެ. ހުރިހާ އެންމެން ހަސަދަވެރިވާ، އެކަމަކު އެއްވެސް ކަމެއް ނުވާ ތަނެއްގެ ގޮތުުގައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟