ޚަބަރު

ބާޒާރުކުރުމަށް ދޭ ހުއްދަ ހަފުތާއަކު އެއްފަހަރަށް މަދުކޮށްފި

އަލީ ޔާމިން

މާލޭގައި ބާޒާރުކުރުމަށް ދޭ ހުއްދަ ހަފުތާއަކު އެއްފަހަރަށް މަދުކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ މިއަދުން ފެށިގެން މާލޭގައި ބާޒާރުކުރުމަށް ދޫކުރެވިފައިވާ ހުއްދަތަކަށް ބަދަލެއް ގެނެވޭނެ ކަމަށާއި އެގޮތުން ކުރިއަށް އޮތް ތަނުގައި ބާޒާރަށް ދެވޭނީ ހަފްތާއަކު އެއް ފަހަރު ކަމަށެވެ.

ވިޔަފާރިކުރުމަށް ކަނޑައަޅާފައިވާ ގަޑިތައް މެސެޖަކުން ލިބޭނެ ކަމަށް ފުލުހުން ބުނެއެވެ.

"ކަނޑައެޅިފައިވާ އާ ގަޑިތައް އާ މެސެޖަކުން ލިބިވަޑައިގަންނަވާނެ. އަލުން ރެޖިސްޓާ ކުރައްވަން ނުޖެހޭނެ،" ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ހަފުތާއަކު އެއްފަހަރު ފިހާރަތަކަށް ދެވޭ ގޮތަށް ހަމަޖެއްސީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މާލޭގައި ބަލީގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ލަފާކޮށްފައިވާތީ އެކަން ކޮންޓްރޯލް ކުރުމުގެ ގޮތުން ކަމަށެވެ.

މީގެ ކުރިން ބާޒާރުކުރުމަށް ކޮންމެ ތިން ދުވަހަކުން އެއް ދުވަހު ކޮންމެ ގެއަކުން ކޮންމެވެސް އެކަކަށް ފުލުހުން ހުއްދަދެމުން ގޮސްފައިވެއެވެ.