ޚަބަރު

ކޮމަންވެލްތާ ރާއްޖެ އަލުން ގުޅުމަށްފަހު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި މިނިސްޓަރު އަމީން ބައިވެރިވެވެޑައިގެންފި

ކޮމަންވެލްތު ހެލްތު މިނިސްޓަރުންގެ ވާޗުއަލް ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުމަކީ ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމަށްފަހު ރާއްޖެއިން ބައިވެރިވި ފުރަތަމަ ބައްދަލުވުމެވެ. އަދި އެ ބައްދަލުވުމަކީ ކޮމަންވެލްތުގެ ހެލްތު މިނިސްޓަރުން ފުރަތަމަ ފަހަރަށް ވާޗުއަލްކޮށް ބޭއްވި ބައްދަލުވުމެވެ. މިއަދުގެ ބައްދަލުވުމުގައި ދުނިޔޭގެ ކޮމަންވެލްތު 57 މެންބަރު ގައުމުގެ ތެރެއިން 27 ގައުމެއްގެ ހެލްތު މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އާއްމުގޮތެއްގައި ކޮމަންވެލްތު ހެލްތު މިނިސްޓަރުންގެ ބައްދަލުވުމަކީ ކޮންމެ އަހަރަކުވެސް ބޭއްވޭ ވޯލްޑް ހެލްތު އެސެމްބްލީގެ ކުރިން ޖެނީވާގައި ބާއްވާ ބައްދަލުވުމެކެވެ. އެހެންނަމަވެސް މިފަހަރު މިއަދުގެ ބައްދަލުވުމުގައި ގައުމުތަކުން ބައިވެރިވީ އެބޭފުޅެއްގެ އަމިއްލަ ގައުމުން ވާޗުއަލްކޮށެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު އަމީން ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޮމަންވެލްތު ގައުމުތަކުގެ ސިއްހަތާބެހޭ ވަޒީރުންނާ މިދަނޑިވަޅުގައި ބައްދަލުކުރުމަށް ލިބިވަޑައިގެންނެވީތީ އުފާކުރައްވާ ކަމަށް ވިދާޅުވެ، މިބައްދަލުވުން އިންތިޒާމުކޮށްދެއްވިކަމަށްޓަކައި ޗެއާކުރެއްވި ގެމްބިއާގެ ހެލްތު މިނިސްޓަރަށް ޝުކުރު ދަންނަވައިފައެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ހާލަތު ބަޔާންކޮށްދެއްވައި ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައި ކޮމަންވެލްތު މެމްބަރު ގައުމުތަކުން ގުޅިގެން ކޮވިޑް 19އަށް ހައްލުހޯދުމަށް މަސައްކަތް ކުރުމުގެ މުހިންމުކަން މިނިސްޓަރު އަމީން ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ މީސްކޮޅު ނިސްބަތުން މަދު ނަމަވެސް ރަށްތަށް ބެހިފައި ހުންނަގޮތުން ތަފާތު ގޮންޖެހުންތަކެއް ދިމާވާކަން ފާހަގަކޮށް، ރާއްޖެއިން ވެސް މިކަމަށް ހައްލުހޯދުމަށް އެހެން ގައުމުތަކާއެކު މަސައްކަތްކުރަން ތައްޔާރަށް އޮތްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމަންވެލްތުގެ ސެކެޓްރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލަންޑް ވަނީ މިވަގުތަކީ ހުރިހާ ގައުމުތަކުންވެސް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރަން ޖެހިފައިވާ ދަނޑިވަޅެއްކަން ފާހަގަކުރައްވައި، ފްރަންޓްލައިންގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވައިފައެވެ. އަދި ހަމައެހެންމެ ފްރަންޓްލައިންގައި މަސައްކަތްކުރުމުގެ ތެރޭގައި މި ދުނިޔެ ދޫކޮށްދިޔަ ފަރާތްތަކުގެ ހަނދާނުގައި އެއް މިނެޓުގެ ސުކޫތެއް ގެނެވުނެވެ.

މި ބައްދަލުވުމުގައި ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރިއާސަސް ބައިވެރިވެވަޑައިގެން ވާހަކަދެއްކެވިއެވެ. ޑރ. ޓެޑްރޮސްގެ ވާހަކައިގައި ޕްރައިމަރީ ހެލްތު ކެއާއަށް ގައުމުތަކުން ދޭ އަހަމިއްޔަތުކަން މިއަށްވުރެ ބޮޑަށް ހަރުދަނާކުރަން ޖެހޭ ކަމަށް ވިދާޅުވެ، ގައުމުތަކުން ޕަބްލިކް ހެލްތުގެ ރޮނގުން ހޯދާފައިވާ ކުރިއެރުންތައް ދެމެހެއްޓޭނޭގޮތަށް ކަންކަން ބައްޓަންކޮށް، މިކަންކަމަށް ސަމާލުވުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ކޮމަންވެލްތުގެ ސެކެޓްރީ ޖެނެރަލް ޕެޓްރީޝިއާ ވިދާޅުވި ވާހަކަތަކަށް އަލިއަޅުވާލައްވައި، މިދަނޑިވަޅަކީ ގައުމުތަކުގެ މެދުގައި ގުޅުން ހަރުދަނާކުރުމަށް ބާރުއަޅަންޖެހޭ ވަގުތެއް ކަމަށާއި ގައުމުތަކުގެ އެތެރޭގެ ހިޔާލު ތަފާތުވުންތައް ނައްތާލައި އެއްބައެއްގެ ގޮތުގައި މަސައްކަތްކުރަން ޖެހިފައިވާ ވަގުތެއްކަން ފާހަގަކުރެއްވިއެވެ.

ދެގަޑި އިރެއްހާއިރަށް ކުރިއަށްދިޔަ މިބައްދަލުވުން ނިމިގެންދިޔައީ، ގައުމުތަކުގެ ހެލްތު މިނިސްޓަރުން އެއްބަސްވާ އެއްބަސްވުމެއް ހުށަހަޅައިފައެވެ. މި އެއްބަސްވުމުގައި ކޯވިޑާ ގުޅިގެން ގައުމުތަކުން ކުރަމުން އަންނަ މަސައްކަތާބެހޭ މައުލޫމާތު ބަދަލުކުރުމާއި، ކޮވިޑާ ގުޅިގެން ވަލްނަރަބަލް ގްރޫޕްސްތަކަށް އިތުރު އަޅާލުން ފޯރުކޮށްދިނުމާއި، އުމުރުން ދުވަސްވީ ފަރާތްތަކާއި، ދިގުމުއްދަތަށް ބޭސްކުރަމުން އަންނަ އެކިއެކި ފަރާތްތަކަށް އިތުރު ސަލާމުކަމެއް ދިނުމަށް އަލިއަޅުވާލާފައިވެއެވެ. ޑަބްލިޔުއެޗްއޯ އިން ކޯވިޑް 19ގައި ފޯރުކޮށްދެއްވަމުން އަންނަ ޓެކްނިކަލް ގައިޑަންސް ފާހަގަކޮށް، މަލްޓި ސެކްޓޯރަލް އެޕްރޯޗެއްގައި މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކޮށް ގައުމުތަކަށް ބޭނުންވާ މެޑިކަލް ސަޕްލައިސް ފޯރުކޮށްދެވޭނެގޮތަށް ކަންކަން މަގުފަހިކޮށްދިނުމަށް ހުށަހަޅާފައިވެއެވެ.

ކޮމަންވެލްތު ހެލްތު މިނިސްޓަރުންގެ ބައްދަލުވުމުގައި ރާއްޖެއިން އެންމެފަހުން ބައިވެރިވެވަޑައިގެންނެވީ 2016ގައި ޖެނީވާގައި ބޭއްވުނު ބައްދަލުވުމުގައެވެ.

ކޮމަންވެލްތުގައި ރާއްޖޭން ފުރަތަމަ ބައިވެރިވީ 1982 ވަނަ އަހަރުގެ ޖުލައި މަހުގެ ނުވަވަނަ ދުވަހުއެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ވެރިކަމުގައި 2016 ވަނަ އަހަރު ރާއްޖެ ވަނީ ކޮމަންވެލްތުން ވަކިވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓްގައި މަޝްވަރާ ކުރެއްވުމަށްފަހު، ރާއްޖެއިން ކޮމަންވެލްތު އޮފް ނޭޝަންސްއާ އަލުން ގުޅުމަށް ނިންމެވީ، 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ގައެވެ. އަދި އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމުން، ކޮމަންވެލްތުގައި ރާއްޖެއިން އަލުން ބައިވެރިވުމަށް ފާސް ކުރީ، 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25ގައި ބޭއްވި އެ މަޖިލީހުގެ ޖަލްސާގައެވެ.