ސައިބާއެޓޭކް

ފްރަންޓްލައިންގައި ހަރަކާތްތެރިވާ ޑޮކްޓަރުންނަށް އަމާޒުކޮށް ފޯނު ހެކްކުރާ ސައިބާ އެޓޭކްތަކެއް ދޭންފަށައިފި

އަލީ ޔާމިން

1

ކޮވިޑް 19އިން ރައްޔިތުން ސަލާމަތްކޮށްދީ ރައްކާތެރިކޮށްދިނުމަށް ފްރަންޓްލައިނުގައި މަސައްކަތްކުރާ ޑޮކްޓަރުންނަށް އަމާޒުކޮށްގެން ބަޔަކު މިރޭ ފުޅާ ދާއިރާއެއްގައި ސައިބާ އެޓޭކުތަކެއް ދެމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ވަޓްސްއެޕް މެދުވެރިކޮށް ކޮންޓެކްޓެއްގެ ނަމުގައި ކޯޑެއް މެސެޖުކޮށް ނުވަތަ ކޮންޓެކްޓެއްގެ ނަމުގައި ފޯނު ކޮށްގެން ކޯޑު ހޯދައި، ފޯނުތައް ހެކް ކުރުމުގެ ކަންތައްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ދަންނަ މީހުންގެ ނަމުގައި މި ފޮނުވާ ކޯޑުތަކަކީ ޑުޕްލިކޭޓްކޮށްފައި ހުންނަ ޕްރޮފައިލްތަކުން ފޮނުވާ ސައިބާ އެޓޭކުތަކެއް ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ އެއްވެސް ފަރާތެއްގެ ފޯނަށް ޝައްކުވާ ޒާތުގެ ލިންކެއްގެ މެސެޖެއް ކޮށްފައިވާނަމަ އެ ލިންކު ނުހުޅުވައި އަދި ދަންނަ ކޮންޓެކްޓެއްގެ ފަރާތުން ވެސް އަންނަ މެސެޖެއްގައި އޮންނަ ކޯޑު އެއްވެސް މީހަކަށް ނުދިނުމަށް އިލްތިމާސްކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ކޮވިޑް 19އާ ގުޅިގެން ސަރުކާރުން ކުރަމުން އަންނަ ބައެއް މަސައްކަތްތައް ހުއްޓުވުމުގެ ގޮތުން މީގެ ކުރިންވެސް ވަނީ ސައިބާ ހަމަލާތަކެއް ދީފައެވެ. އެގޮތުން އެޗްޕީއޭއާއި ހެލްތު މިނިސްޓްރީގެ ވެބްސައިޓު ހެކްކޮށް، ވަނީ އިންޒާރުތަކަކާއެކު ވީޑިއޯއެއް އާންމުކޮށްފައެވެ. އެ ވީޑިއޯގައި ވަނީ ސަރުކާރުގެ އިދާރާތަކުގެ ޒާތީ މައުލޫމާތު ހާމަ ކުރާނެ ކަމުގެ އިންޒާރު ދީފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟