ރައީސް އޮފީސް

ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް ގެންދިޔަގޮތް ބަލަން ކޮމެޓީއެއް އުފައްދަވަން ރައީސް ނިންމަވައިފި

ޝަހީދާ އަބްދުﷲ ސައީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށްގެންގޮސްފައިވާ ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކޮމެޓީއެއް އުފައްދަން ނިންމަވައިފިއެވެ.

ފަސްމެންބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް އުފައްދަން ރައީސް ސޯލިހު ނިންމެވީ ވަޒީރުންގެ މަޖިލީހާއި އިއްޔެ މަޝްވަރާކުރެއްވުމަށްފަހު ވަޒީރުން އެރުވި ލަފާފުޅާއެކުގައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ހިޔާ މަޝްރޫއާއި ގެދޮރުވެރިކުރުމުގެ މަޝްރޫއު އަދި ގުޅިފަޅު ހައުސިންގ ޕްރޮޖެކްޓް އާ ގުޅިގެން ރައްޔިތުން ހުށަހަޅާ ޝަކުވާތަކާއި، މި މަޝްރޫއުތަކާ ގުޅުންހުރި އެންމެހައި މައްސަލަތައް ދިރާސާކުރުމަށްޓަކައި ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީން ފުލެޓްތައް ދޫކޮށްފައިވާ ގޮތް ބައްލަވާނެ ކަމަށެވެ.

ރައީސް އޮފީހުން ވިދާޅުވީ ރައީސް ސޯލިހު އެކުލަވައިލެއްވުމަށް ނިންމަވާފައިވާ ކޮމެޓީން، "ގެދޮރުވެރިކުރުމުގެ މަޝްރޫއު"ގެ ދަށުން ފްލެޓުތައް ދޫކޮށްފައި ވަނީ އުސޫލުން ބޭރުންކަމަށް ބުނެ ސަރުކާރަށް ލިބެމުންދާ ޝަކުވާތައް ދިރާސާކޮށް، އެކަންކަމާމެދު އަމަލުކުރާނެ ގޮތެއްގެ ލަފާ ރައީސުލްޖުމްހޫރިއްޔާއަށް އަރުވާނެ ކަމަށެވެ.

އަދި "ހިޔާ މަޝްރޫއު"ގެ ދަށުން ފްލެޓު ލިބުނު ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ލިސްޓުތައް އަލުން ރިވިއުކޮށް، ޕޮއިންޓް ދީފައި ވަނީ އުސޫލާ އެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމާއި ފްލެޓުތައް ދިނުމަށް އުސޫލުން ބޭރުން ކަންކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވި ފަރާތްތައް ހޯދައި، އެ ފަރާތްތަކާމެދު އަމަލުކުރާނެގޮތުގެ ލަފާ ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަކީވެސް ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މީގެ އިތުރުން، ހިޔާ މަޝްރޫއާއި ގެދޮރުވެރިކުރުމުގެ މަޝްރޫއު އަދި ގުޅިފަޅު ހައުސިންގ ޕްރޮޖެކްޓްގެ ދަށުން ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތް ރިވިއުކޮށް، ފްލެޓް ހައްގުވާ ފަރާތްތަކަށް އެންމެ އިންސާފުވެރިކޮށް ފްލެޓް ކަށަވަރުކޮށްދިނުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާނީވެސް މި ކޮމިޓީން ކަމަށް ވިދާޅުވިއެވެ.

އަދި ގުޅިފަޅު ހައުސިންގ ޕްރޮޖެކްޓްގެ ދަށުން ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓު ލިބިފައިނުވާ ފަރާތްތަކަށް ބަދަލު ދިނުމަށްވެސް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުންތަކަކީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަކުރެއްވުމަށް ނިންމަވާފައިވާ ގެދޮރުވެރިކަމާ ގުޅޭ ވައުދުފުޅުތަކާ ގުޅިގެން ނިންމެވި ނިންމެވުމެއް ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.