ޚަބަރު

ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރިޔަށް އޮތް ފަސްދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

މުހައްމަދު އައުޒަމް

ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރިޔަށް އޮތް ފަސްދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލިޖީ ސެންޓަރު (މެޓް) އިން ބުނެފިއެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން މެޓް އޮފީހުގެ އެސިސްޓަންޓް މީޓިއޮރޮލޮޖިސްޓް އަބްދުﷲ ހާފިޒް ވިދާޅުވީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ހުޅަނގު މޫސުން ފެށިފައިވާ ކަމަށާއި އިއްޔެއާއި މިއަދު ބޮޑު ބަޔަކަށް ވިއްސާރަކޮށް ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހިފައިވާ ކަމަށެވެ.

މި ވިއްސާރާގައި ކުރިޔަށް އޮތް ފަސް ދުވަހު ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުމުގެ އިތުރުން ދެކުނާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ވައިގަދަވެ ކަނޑުވެސް އާންމުގޮތެއްގައި ގަދާވާނެކަމަށް މެޓުން ބުނެއެވެ. މެޓުން ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ. ވީމާ އާންމުކޮށް ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.

އެސިސްޓަންޓް މީޓިއޮރޮލޮޖިސްޓް ހާފިޒް ވިދާޅުވީ އިއްޔެ މެންދުރު 2:00 އިން މިއަދުގެ މެންދުރު 2:00 އަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ އައްޑޫ ސިޓީއަށެވެ. އެގޮތުން އައްޑޫ ސިޓީ ގަމަށް 156 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ގދ.ތިނަދުއަށް 87 މިލިމީޓަރުގެ ވާރޭ ވެހިފައިވާ އިރު، ގދ. ކާޑެއްދުއަށް 73 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑް ކުރެވިފައިވެއެވެ. އަދި ގދ. ފަރެސްމާތޮޑާއަށް 65 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ވެސް ރެކޯޑުކުރެވިފައިވެއެވެ.