އަލީ ޔާމިން
އއ. ތޮއްޑޫ ސިއްހީ މަރުކަޒަށް ވިހަން ގެންދިޔަ މީހެއްގެ ބަނޑަށް ދަރިފުޅު މަރުވި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ވިހަން ގެންދިޔަ މީހާގެ އާއިލާ މީހަކު ސޯޝަލް މީޑިއާގައި ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އިއްޔެގެ ވަގުތެއްގައި ތޮއްޑޫ ސިއްހީ މަރުކަޒަށް ވިހަން ގެންދިޔަ މީހާއަށް ހިދުމަތް ނުދެވި ބަނޑަށް ދަރިފުޅު މަރުވެފައިވާ ކަމަށެވެ. އަދި އެރަށުން ދެވޭނެ ފަތުވާއެއް ނެތުމުން މާލެއާއި އެއަތޮޅު ރަސްދުއަށް އެ އަންހެން މީހާ ގެންދިޔުމަށް ހުއްދައަށް އެދުމުން އެކަމަށް ރަށު ކައުންސިލުންނާއި ޓާސްކްފޯހުން ހުއްދަ ދީފައިނުވާ ކަމަށް ބުނެފައިވެއެވެ.
ތޮއްޑޫއިން "ވަން"އަށް މައުލޫމާތު ދިން މީހަކު ބުނެފައިވަނީ މަރުވެފައިވަނީ ފިރިހެން ކުއްޖެއް ކަމަށާއި އެ ދެމެފިރިންގެ ތިބެނީ ދެ އަންހެން ކުދިން ކަމަށެވެ.
މި ޕޯސްޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުންގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވިދާޅުވީ، އެ މައުލޫމާތު އޭނާއަށް ލިބުނު ވަގުތުން ފެށިގެން މައްސަލަ ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި ނައިބު ރައީސް ފައިސަލް ނަސީމުގެ ބެެއްލުވުމުގެ ދަށުން އެ މައްސަލަ ތަހުގީގު ކުރަމުން ގެންދަވާ ކަމަށެވެ. އަދި އެފަދަ ދެވަނަ ހާދިސާއެއް ހިނގިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ތޮއްޑޫ ކައުންސިލުގެ ނައިބު ރައީސް ހަސަން އަބްދުﷲ "ވަން"އަށް ވިދާޅުވީ، އެ މައްސަލައިގެ މާބޮޑު މައުލޫމާތެއް އެނގިފައި ނުވާ ކަމަށެވެ. ނަމަވެސް އެރަށުގެ ސިއްހީ މަރުކަޒުގެ ހާލަތު ދެރަކަން އޭނާ ފާހަގަކުރެއްވިއެވެ.
"24 ގަޑިއިރު ހިދުމަތްދިނަސް ހަގީގަތުގައި އެ ފެންވަރެއް ނެތް. ބޭނުންވާ ވަސީލަތްތަކެއް ޑޮކްޓަރުންނެއް ނެތް." ހަސަން އަބްދުﷲ ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ތޮއްޑޫ ހެލްތު ސެންޓަރުގެ ބަހެއްވެސް އަދި ފުލުހުންގެ ބަހެއްވެސް ލިބިފައެއް ނުވެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ތޮއްޑޫގެ ކޭސްގައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށާއި މާބަނޑު މީހާ އެހެން ހޮސްޕިޓަލަކަށް ޓްރާންސްފާ ކުރުމަށް އެދުމުން އެ ހުއްދަ އެންއީއޯސީން 15 ވަރަކަށް މިނެޓުގެ ތެރޭގައި ދީފައިވާނެ ކަމަށެވެ.
"ތޮއްޑޫގެ ކޭސް އެއީ އިތުރަށް ބެލެވެމުންދާ ކޭސްއެއް ކިހިނެއްތޯ ކަންތައް ދިމާވީ. އެހެންނަމަވެސް އެ ކޭސްގައި އެންއީއޯސީގެ ފަރާތުން ހުއްދަ ދިނުމުގެ މަސައްކަތް ގާތްގަނޑަކަށް އެ ހުއްދަ ދެވިފައި އިން ރިކުއެސްޓް އައިތާ 15 ވަރަކަށް މިނެޓް ތެރޭގައި. ހަމަ އެހެން ނޫނަސް ދިމާވި ކޮމްޕްލިކޭޝަން ތެރޭގައި ކުރިއަށްދިޔަ ކޭސްއެއް ކަމަށް މިބަލަނީ." މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، ހެލްތު މިނިސްޓްރީގައި މާބަނޑު މީހުންގެ ލިސްޓެއް އޮންނަ ކަމަށާއި އެ މިނިސްޓްރީން އެމީހުންގެ ހާލު ބަލައި އިތުރު ކޮމްޕްލިކޭޝަނެއް އުޅޭތޯ ބަލަމުން އަންނަ ކަމަށެވެ. އަދި އެމަޖެންސީގައި ބަލި މީހުން ގެންދިއުމުގެ އުސޫލާ އެއްގޮތަށް އެ ހުއްދަތައްވެސް ދެމުން އަންނަ ކަމަށް ވިދާޅުވިއެވެ.