ޚަބަރު

ކޮންމެހެން ބޭނުންވާ ބޭސް ރާއްޖެ ގެނެސްދިނުމުގައި ފޮރިން މިނިސްޓްރީން އެހީތެރިވާން ފަށައިފި

އަލީ ޔާމިން

ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ކްރިޓިކަލް މެޑިސިންގެ ބައެއް ބާވަތްތައް ގެނެސްދިނުމުގައި ފޮރިން މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮވިޑުގެ ސަބަބުން މި ސަރަހައްދުގެ ގިނަ ގައުމުތަކެއް ލޮކްޑައުންގައި އޮތުމުން ކޮންމެހެން ހޯދަން ޖެހޭ "ކްރިޓިކަލް މެޑިސިން" ހޯދަން ބޭނުންވާ ފަރާތްތަކުން، އެބޭސްތައް އިންޑިއާ، ތައިލެންޑް އަދި ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންތަކަށް ގެންގޮސްދިނުމުން، އެބޭސްތައް ރައްދުކޮށްދިނުމުގެ މަސައްކަތް އެ މިނިސްޓްރީއާ ކަމާބެހޭ އެހެން އިދާރާތަކުން ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

ރާއްޖެއިން ބޭރުން ގެންނަން ހަވާލުކުރާ ބޭހަކީ ރާއްޖެއިން ލިބެން ނެތް އަދި ޒަރޫރީ ބޭނުމަކަށް ބޭނުންވާ ބޭހަކަށް ވާން ޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އެގޮތުން މިހާތަނަށް 78 މީހަކަށް ކޮންމެހެން ބޭނުންވާ ބޭސް ރާއްޖެއިން ބޭރުން ގެނެސްދީފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ފޮރިން މިނިސްޓްރީން ބުނީ، ބޭސް ސިޓީއާ ނުލައި އެއްވެސް ބޭހެއް ގެނެސްދޭ ގޮތަށް ހަމަޖެހިފައެއް ނުވާ ކަމަށާއި ބޭސް ގެންނަން ބޭނުންވާ މީހުން ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކަށް ބޭސް ހަވާލުކުރާއިއިރު، ޕެކިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އެކަކަށް ފޮނުވާ ބޭސް، އެހެން މީހެއްގެ ބޭސްތަކާ އެއްކޮށްފައި ނުބެހެއްޓުމަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ، ކުރިއަށްއޮތްތަނުގައި ވެސް، އެކި ގަައުމުތަކުގައި ގާއިމުކޮށްފައިވާ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކަށް ބޭސްތައް ބޭސް ސިޓީތަކާއެކު ގެންގޮސްދިނުމުން، ރާއްޖެ ގެނެސް، ވެރިފަރާތާ ހަވާލުކޮށްދިނުމުގެ މަސައްކަތް ކުރާނެ ކަމަށާއި

އެ މަސައްކަތް ކުރިއަށްދަނީ އެ މިނިސްޓްރީއާއި މޯލްޑިވިއަން އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މޯލްޑިވްސް ރެޑް ކްރެސެންޓްގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ކަމަށެވެ.