ޚަބަރު

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން މާލީ ދަތިކަން ހުރި ކުދިންނަށް އެހީދޭނީ ދެ މަހަށް

އަލީ ޔާމިން

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ކޮވިޑް 19 ގެ ސަބަބުން މާލީ ގޮތުން ދަތިތަކާ ކުރިމަތިވި ފަރާތްތަކަށް އެހީ ދޭނީ ދެ މަސް ވަންދެެން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ކޮވިޑުގެ ސަބަބުން މާލީ އެހީތެރިކަން ބޭނުންވާ ދަރުވަރުންނަށް އެހީ ދިނުމުގައި އަމަލުކުރާނެ އުސޫލު ގެޒެޓް ކުރީ އިއްޔެއެެވެ.

ހަޔާ އެޑިއުކޭޝަނުން ބުނީ މިއީ ރާއްޖެއިން ބޭރުގައި މަތީ ތައުލީމް ހާސިލުކުރަމުން އަންނަ ދަރިވަރުންގެ ތެރެއިން ކޮވިޑުގެ ސަބަބުން އެހީތެރިކަމަށް ބޭނުންވެފައިވާ ދަރިވަރުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ދެވޭ އެހީ، އިންސާފުވެރިކަމާއެކު ފޯރުކޮށްދިނުމަކަށް އެކުލަވާލި އުސޫލެއްކަމަށެވެ.

މި އުސޫލުގައިވާ ގޮތުން ސަރުކާރުން މާލީ އެހީ ދޭނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ކޯހެއް ހަދަމުން އަންނަ ދަރިވަރުންގެ ތެރެއިން، މާލީގޮތުން އެހީވަމުން ދިޔަ ސްޕޮންސަރުގެ ފަރާތުން ލިބޭ އެހީ ކުޑަކޮށް ނުވަތަ ކަނޑާލައިފައިވާ ނަމަ އެވެ. އަދި އެ އެހީ ދޭނީ ދެމަސް ދުވަހަށް ކަމަށްވެސް ބުނެފައި ވެއެވެ.

އުސޫލުގައިވާ ގޮތުން ސަރުކާރު ނޫން އެހެން އެއްވެސް ފަރާތެއްގެ ސްޕޮންސާއެއްގެ ދަށުން ދިރިއުޅުމުގެ އެލަވަންސް ލިބެމުން އަންނަ ދަރިވަރުންނަކަށް މި އެހީއެއް ނުލިބޭނެއެވެ.

ހަޔާ އެޑިއުކޭޝަނުން ބުނީ ކޯސް ފުރިހަމަ ކުރުމަށްފަހު، ނުވަތަ ތަމްރީނު ފުރިހަމަ ކުރުމަށްފަހު، ކޮވިޑުގެ ސަބަބުން ރާއްޖެ ނާދެވިފައި ތިބި ދަރިވަރުންނަށްވެސް އެހީއަށް އެދެވޭނެކަމަށެވެ.