ޚަބަރު

ރާއްޖޭގައި ތާށިވެފައި ތިބި ލަންކާ، ޖަޕާން އަދި ކޮރެއާގެ ބައެއް މީހުން އެނބުރި ގައުމަށް ފުރައިފި

ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގައި ތާށިވެފައި ތިބި ސްރީ ލަންކާ، ޖަޕާން އަދި ކޮރެއާގެ ބައެއް ރައްޔިތުން އެމީހުންގެ ގައުމަށް ފުރައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، ސްރީ ލަންކާއިން އައި ހާއްސަ ފުލައިޓެއްގައި ލަންކާގެ 285 މީހަކަށާއި ޖަޕާނުގެ 14 މީހެއް އަދި ކޮރެއާގެ ދެ މީހަކު ފުރުމުގެ ހުއްދަ މިއަދު ދީފައިވާ ކަމަށެވެ. ޖަޕާން އަދި ކޮރެއާގެ ރައްޔިތުން އެމީހުންގެ ގައުމުތަކަށް ދާނީ ސްރީލަންކާ މަގުން ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.

ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ، އެމީހުން ފުރާފައިވަނީ ސްރީލަންކަންގެ ހާއްސަ ފްލައިޓެއްގައި ކަމަށެވެ.

އޭގެ އިތުރުން ޕާކިސްތާނުގެ ހައި ކޮމިޝަނުން ހަމަޖެއްސި ސްރީލަންކަންގެ ފުލައިޓެއްގައި އެގައުމުގެ 43 މީހަކު އިއްޔެ ފުރާފައިވާ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގައި މަސައްކަތްކުރާ އެކި ގައުމުތަކުގެ މީހުން ބަލައި އެ ގައުމުތަކުން އަންނަނީ ރާއްޖެއަށް ޗާޓަރު ފްލައިޓުތަކެއް ބާއްވަމުންނެވެ. އަދި ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ވެސް ވަނީ އެފަދަ މީހުން ގެންދިއުމަށް ހާއްސަ ފުލައިޓުތަކެއް ބާއްވައިފައެވެ.