އަލީ ޔާމިން
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތާ ގުޅިގެން އެކި އިދާރާތައް ގުޅިގެން ހިންގަމުންދާ ތަހުގީގާ ގުޅޭ ބައްދަލުވުންތައް އޮންލައިންކޮށް ކުރިއަށްގެންދަން ފަށައިފިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގުގައި ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެސެޓް ރިކަވަރީ ކޮމިޝަނުން ވެސް އަންނަނީ ބައިވެރިވަމުންނެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރި ރަށްތަކާއި ފަޅުތަކާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ 1.2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބެން ޖެހޭ ކަމަށް އޭސީސީން ކުރިން ހާމަކުރިއެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްއެމްޕީއާރުސީ މައްސަލައިގައި ހިނގަމުންދާ ޖޮއިންޓް އިންވެސްޓިގޭޝަންގެ ސުޕަވައިޒަރީ ގްރޫޕްގެ ބައްދަލުވުމެއް މިއަދު އޮންލައިންކޮށް ކުރިއަށް ގެންދިޔަ ކަމަށާއި އެ ތަހުގީގު، އިތުރު ވަސީލަތްތައް ބޭނުންކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.
ކޮވިޑާ ގުޅިގެން މާލެ ލޮކްޑައުންކޮށްފައި އޮތުމުން އެމްއެމްޕީއާރުސީގެ ތަހުގީގަށް ހާޒިރު ކުރަން ޖެހޭ ބައެއް މީހުން ހާޒިރުކުރުމުގައި ދަތިތަކެއް ހުރިކަމަށް އޭސީސީން ވަނީ މީގެ ކުރިން ބުނެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ޖަލަށްލާން ކުރިން ހުކުމުކުރި ނަމަވެސް ފަހުން އެ ހުކުމު ވަނީ ބާތިލުކޮށްފައެވެ.
މީގެ އިތުރުން މި ހިޔާނާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާ ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ. ކްރިމިނަލް ކޯޓުން ކުރި އެ ހުކުމްގެ އިސްތިއުނާފު ޝަރީއަތްތައް ހައި ކޯޓުގައި ވެސް ފެށިއެވެ. ނަމަވެސް އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ވެސް ވަނީ ކޮވިޑުގެ ސަބަބުން މެދުކެނޑިފައެވެ.