ބޯކޮށް ވާރޭވެހި އައްޑޫ ސިޓީގެ ބައެއް މަގުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން، ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އައްޑޫ ސިޓީގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގެތަކަށްވެސް ވަނީ ފެން ވަދެފައެވެ. މިކަމާ ގުޅިގެން އެމްއެންޑީއެފުން ވަނީ އެގެތަކުގެ ދޮރުމަތީ ވެލި ބަސްތާ ޖެހުމަށް އެހީތެރިވެފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މީގެ އިތުރުން އައްޑޫ ސިޓީގެ މަގުތަކުން ފެން ހިއްކުމަށް ޕަމްޕު ބޭނުންކޮށްގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. މި މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަނީ އެމްއެންޑީއެފްގެ ސަދާން އޭރިއާގެ ސިފައިން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މެޓް އޮފީހުން ވަނީ އައްޑޫ އަތޮޅު ސަރަހައްދަށް މިއަދު ހެނދުނު 10:00 އިން 14:00 އާއި ދެމެދަށް ޔެލޯ އެލާޓު ނެރެފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެއެވެ.