ޚަބަރު

ޕްރައިމަރީން ބަލިވާ މީހުންނަށް ވާދަކުރެވޭ ގޮތަށް އޮތުމާ ގިނަ މެންބަރުން ދެކޮޅު

އަހުމަދު ޖައިޝަން

ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކޮށް ބަލިވާ ކެނޑިޑޭޓުން އަމިއްލަ ގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުތަކުގައި ވާދަކުރެވޭގޮތަށް ހެދުމާ މަޖިލިސްގެ ގިނަ މެންބަރުން ދެކޮޅު ކަމަށް މިއަދުގެ ޖަލްސާގައި މެންބަރުން ވިދާޅުވެއްޖެ އެވެ.

ޕްރައިމަރީން ބަލިވާ ކެނޑިޑޭޓުންނަށް އެހެން ގޮތަކަށް އިންތިހާބުތަކުގައި ކުރިމަތި ނުލެވޭ ގޮތަށް ފާސްކޮށްފައިވާ ގާނޫނު ބާތިލު ކުރުމަށް ހުށަހެޅި ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަފުޅު ދައްކަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރަސީ ރަނގަޅުގޮތުގައި ބޭއްވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

އީވާ ވިދާޅުވީ ޕްރައިމަރީއެއްގައި ޕާޓީގެ ޓިކެޓް ނުލިބިއްޖެ ނަމަ، އެ ޕްރައިމަރީގައި ޓިކެޓް ހޯދާ މީހެއްގެ ފަހަތުގައި ބަލިވި މީހަކު ހުންނަން ޖެހޭނެ ކަމަށެވެ.

"އެހެން ނޫނީޔާ ޕާޓީއާއި ގޮނޑި، އަސްލު އިންތިހާބުގައި ގެއްލުވާލާނެ،" އީވާ ވިދާޅުވިއެވެ.

ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ދީދީ ވިދާޅުވީ ޕްރައިމަރީއަކަށް މެންބަރަކު ނިކުންނާނީ އެ ދާއިރާއަށް ރައްޔިތުންގެ ތާއީދު އޮތް ކަމަށް ބެލެވޭތީ ކަމަށާއި ޕްރައިމަރީއިން ބަލިވާނީ ތާއީދު ނެތުމުން ކަމަށެވެ.

އެހެންކަމުން އެ މެންބަރު ދެން ކުރުން އެންމެ ރަނގަޅު ކަމަކަށް ވާނީ "އެއް ކައިރި ވެލަން" ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ބައެއް މެންބަރުން އެ ބިލުގެ މައިގަނޑު ވިސްނުމަށް ތާއީދު ކުރައްވާފައިވި ނަމަވެސް ޕްރައިމަރީގެ ކަންތައްތައް ހަމަޖައްސާނީ ޕާޓީގެ ގަވާއިދުގެ ތެރެއިން ކަމަށް ވަނީ ވިދާޅުވެފައެވެ.

އެގޮތުން އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ ޕާޓީއެއްގެ ޕްރައިމަރީއެއްގައި ވާދަކުރާ ބޭފުޅަކަށް ކާމިޔާބު ނުވެއްޖެ ނަމަ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ހެދުމަށް ޕާޓީގެ ގަވާއިދުގައި ހިމެނިދާނެ ކަމަށެވެ.

އަދި އެކަމަށް ހިލާފުވާ ފަރާތްތަކަށް ޕާޓީން އަޅާ ފިޔަވަޅެއްގެ ގޮތުގައި ޕާޓީއިން ކަނޑާލުން ފަދަ މަސައްކަތް ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް އެކަމަކީ ގާނޫނީ ގޮތުން މަނާކުރެވޭނެ ކަމަކަށް ވެގެން ނުވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

"ހަގީގަތުގައި މިއީވެސް މިނިވަން ކަމެއް ހަމަ އޮންނަން ޖެހޭ. ކޮންމެ މީހަކުވެސް މިނިވަން ކަމާއެކު ޕްރައިމަރީގައި ބައިވެރިވިޔަސް، އޭނާ ފެއިލް ވިޔަސް، އޭނާ ހިތްހަމަ ނުޖެހޭ ގޮތަކަށް ޕްރައިމަރީ ގޮސްފިނަމަ އޭނާއަށް އެ ދާއިރާއަށް ވާދަކުރުމުގެ ފުރުސަތު ލިބެން ޖެހޭނެ،" އޭނާ ވިދާޅުވިއެވެ.