މުހައްމަދު އައުޒަމް
ދުނިޔޭގެ ބޮޑު އާބާދީއަކަށް ކޮވިޑްގެ އަސަރު ކޮށް އެތައް ބައެއްގެ ވަޒީފާ ގެއްލި ހާލުގައި ޖެހިފައިވާއިރު ދުނިޔޭގެ ބޮޑެތި ބައެއް މުއްސަނދީންނަށް މިއީ އީދެއް އައުން ކަހަލަ ކަމަކަށް ވަނީ ވެފައެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހާ، އެމޭޒަން ކުންފުނީގެ ސީއީއޯ ޖެފް ބެޒޮސް ގެ އޮންލައިން ވިޔަފާރިއަށް ކޮވިޑާއި ގުޅިގެން ލިބުނު ކުރިއެރުމުގެ ސަބަބުން އޭނާގެ މުއްސަނދިކަން ވަނީ އެތައް ގުނައެއް އިތުރުވެގެން ގޮސްފައެވެ. ޖެފްގެ މިލްކިއްޔާތުގައި މިހާރުވެސް 145 ބިލިއަން ޑޮލަރު ހުރި އިރު ދިރާސާތަކުން ދައްކާގޮތުގައި 2026 ވަނަ އަހަރު އައުމުގެ ކުރިން ޖެފްގެ މިލިކިއްޔާތު އިތުރަށް ބޮޑުވެ ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ ލަގަބު އޭނާއަށް ލިބޭނެ އެވެ.
އެމޭޒަންގެ ވިޔަފާރީގެ މި ކުރިއެރުމާއެކު ޖެފް ވަނީ ކުންފުނި އިތުރަށް ފުޅާކޮށް މުވައްޒަފުން އިތުރުކުރުމަށް ވެސް ނިންމާފައެވެ. އަދި ކޮވިޑްގެ ނުރައްކަލުން ރައްކާތެރިކަން ހޯދުމަށް 4 ބިލިއަން ޑޮލަރު ހަރަދުކުރުމަށް ނިންމައިފައެވެ.
ކޮވިޑްގެ ސަބަބުން ގޭގައި ތިބެން ޖެހުމާއެކު ގިނަބަޔަކު ވަނީ އެމޭޒަން އިން އޮންލައިންކޮށް ވިޔަފާރިކޮށްފައެވެ. އެމޭޒަން އިން ވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 75.5 ބިލިއަން ޑޮލަރުގެ ވިޔަފާރި ވެފައިވާކަން ހާމަކޮށްފައެވެ.